އެމެރިކާއާއި އީރާނާ ދެމެދު އެކުލަވާލާ ފަހުމުނާމާ ފައިނަލް ކުރުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މަޝްވަރާތައް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ވިދާޅުވީ، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ވަގުތުން ކުރިއަށް ގެންދިއުމަށް ޕާކިސްތާނުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އަންނަ ހަފުތާގައި ފަންނީ ފެންވަރުގެ މަޝްވަރާތައް ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ސުލްހައިގެ އެއްބަސްވުމާ މިހާ ގާތަށް އަޅުގަނޑުމެން ދުވަހަކުވެސް ދެވިފައި ނުވޭ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މިއީ ފައިނަލް ކުރެވޭނެ ކަމަށް ބެލެވޭ،" ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވި އެވެ.
މި މުހިންމު ކާމިޔާބީގައި އެމެރިކާއާއި އީރާނުން ދައްކަމުންދާ ކެތްތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން ބޮޑުވަޒީރު ވަނީ، މިކަމުގައި ސަރަހައްދީ ގައުމުތަކުން ދެމުންދާ އެއްބާރުލުމަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
"މި ތާރީޚީ ސުލްހައިގެ އެއްބަސްވުމަކީ ދެމެހެއްޓެނިވި ސުލްހައަކަށްޓަކައި އެޅޭ ވަރުގަދަ ބިންގަލަކަށް ވާނެ ކަމާމެދު އަޅުގަނޑުމެން ޔަގީންކަން ދެން،" ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވި އެވެ.






