ޓްރަމްޕަށްވެސް ސޮއިކުރެވޭނެ ކަން ޔަގީނެއް ނޫން! މިއޮތީ ސަބަބު

އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މާދަމާއާ ހަމައަށް ނިންމާލެވޭނެކަން ހާމަކުރައްވައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ކުރެއްވި ޕޯސްޓެއްގެ ފޮޓޯއެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަލުން ހިއްސާކުރައްވައިފިއެވެ.

އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތް ސޯޝަލް" އެކައުންޓްގައި ހިއްސާކުރެއްވި މި ފޮޓޯއަށް ޓްރަމްޕް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި ކޮމެންޓް ކުރައްވާފައެއް ވެސް ނުވެއެވެ.

މީގެ ކުރިން، ހޮނިހިރު ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަކަށް އާދެވިދާނެ އެއްބަސްވުމެއްގެ ޝަރުތުތައް އަދިވެސް ދަނީ އެކުލަވައިލެވެމުން ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް "24 ގަޑިއިރުގެ ތެރޭގައި" އެއްބަސްވުން ނިންމާލެވޭނެ ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.

ޝަރީފް އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ: "އަޅުގަނޑުމެން މިތިބީ ކުރިއަށްވުރެ މާ ބޮޑަށް ސުލްހައިގެ އެއްބަސްވުމަކާ ގާތްވެފައެވެ." އަދި އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ވަގުތުން "އިލެކްޓްރޯނިކްކޮށް ސޮއިކުރެވޭނެ" ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

އޭނާ ސާފުކޮށްދެއްވި ގޮތުގައި، އެއްބަސްވުމުގައި ސޮއިކޮށްފިނަމަ، އަންނަ ހަފުތާގައި "ފަންނީ ފެންވަރުގެ މަޝްވަރާތައް" ކުރިއަށްދާނެއެވެ.

ޝަރީފް އިތުރަށް ވިދާޅުވިއެވެ: "މި ތާރީޚީ އެއްބަސްވުމަކީ ދެމެހެއްޓެނިވި ސުލްހައަކަށް އެޅޭނެ ވަރުގަދަ ބިންގަލަކަށް ވާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތެވެ."

ހިއްސާ ކުރައްވާ!