އީރާނުގެ ހުޅަނގު ދެކުނުގެ ޚޫޒިސްތާން ޕްރޮވިންސުގައި އޮންނަ ޕާމެނާރު އަވަށަކީ، ރަށްފުށުގެ ޓޫރިޒަމް ތަރައްގީކޮށް ރަށްފުށުގެ ސަރަހައްދުތަކުން ސިޓީތަކަށް ހިޖުރަކުރާ މައްސަލަ ހައްލުކުރެވޭނެކަމުގެ ފުރިހަމަ މިސާލެއްކަމަށް އީރާނުގެ ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
އީރާނުގެ ސަގާފީ ތަރިކައާއި، ޓޫރިޒަމް އަދި އަތްތެރި މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޓޫރިޒަމް އެޓްރެކްޝަންސް އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އޮފީހުގެ ވެރިޔާ މެހްދީ ބަހާރްވަންދު ވިދާޅުވީ، ޕާމެނާރުގެ ކާމިޔާބީގެ ފަހަތުގައި ވަނީ އެ އަވަށުގެ ޒުވާނުންނާއި އަންހެނުންގެ މިންނަތް މަސައްކަތް ކަމަށެވެ. ރަށްފުށުގެ ސަރަހައްދުތަކުން ބޮޑެތި ސިޓީތަކަށް މީހުން ހިޖުރަކުރުމަކީ އީރާނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި ބަހާރްވަންދު ވިދާޅުވީ، ޕާމެނާރުގެ ތަޖުރިބާއިން ދައްކައިދެނީ ހިޖުރަކުރުމަކީ ދާއިމީ އަދި ބަދަލުނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ޕާމެނާރު މިއަދު މިވަނީ ހަމައެކަނި ޓޫރިޒަމް މަންޒިލަކަށް ނޫން، އެއީ، ރަށްފުށުގެ އިންސާނީ ރައުސްމާލް އަލުން އިއާދަކުރުމުގެ ރަމްޒެއް،" ބަހާރްވަންދު ވިދާޅުވިއެވެ. އެ އަވަށުގައި ތައުލީމު ހާސިލުކޮށްފައިވާ ގިނަ ޒުވާނުންތަކެއް ވަޒީފާ ހޯދަން ސިޓީތަކަށް ދިއުމުގެ ބަދަލުގައި އެނބުރި އަވަށަށް އައިސް، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަންހެނުންގެ ދައުރު: އިގްތިސާދީ ކުރިއެރުމުގެ އިންޖީނު
ޕާމެނާރުގެ ޓޫރިޒަމް މޮޑެލްގެ އެންމެ ހާއްސަ އެއް ސިފައަކީ އެދާއިރާގައި އަންހެނުންގެ ބައިވެރިވުމެވެ. ބަހާރްވަންދު ވިދާޅުވި ގޮތުގައި:
- އަންހެނުންނަކީ ޓޫރިޒަމް ދާއިރާގެ އެންމެ މުހިންމު އެއް ބާރެވެ.
- ރަށުގެ ސަގާފީ ކާނާއާއި، ފޮޅި އެޅުމާއި، އަތްތެރި މަސައްކަތްތައް ފަދަ ކަންކަމުގައި އަންހެނުން ބައިވެރިވުމުން، ޓޫރިޒަމްގެ ފައިދާ ސީދާ އާއިލާތަކަށް ލިބެއެވެ.
- ޓޫރިޒަމްގެ ވެލިއު ޗެއިންގެ ބޮޑު ބައެއް އަވަށުގެ ތެރޭގައި ހިފެހެއްޓި، ގޭބިސީތަކަށް ފައިސާ ވަދެއެވެ.
މުޖުތަމައުގެ އެންމެންގެ ބައިވެރިވުން
އަވަށުގެ ޓޫރިޒަމް ހަރަކާތްތަކަކީ ހަމައެކަނި އަންހެނުންނަށް ހާއްސަ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ފިރިހެނުންނާއި ޒުވާނުން ވެސް ވަނީ އެކޮމޮޑޭޝަނާއި، ދަތުރުފަތުރާއި، ގައިޑްކުރުމާއި، ކޭމްޕިން އަދި ކޮންޓެންތް ކްރިއޭޓިންގއާއި މާކެޓިން ފަދަ އެކި ދާއިރާތަކުގައި ހަރަކާތްތެރިވެފައެވެ. ބަހާރްވަންދު ވިދާޅުވި ގޮތުގައި، މި މަސައްކަތްތަކުގެ ސަބަބުން ޓޫރިޒަމް ވެފައިވަނީ ހަމައެކަނި އާމްދަނީ ލިބޭ ވަސީލަތަކަށް ނޫނެވެ.، އެއީ ރައްޔިތުންގެ މެދުގައި އިޖްތިމާއީ އަދި އިގްތިސާދީ އެއްބާރުލުން އާލާކުރާ މަންސައެއް ކަމަށެވެ.
"އަހަރެމެން އަވަށްތަކަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދައިދޭން ބޭނުންނަމަ، ޕާމެނާރު ފަދަ ނަމޫނާތައް ދަމަހައްޓަންޖެހޭ. އެތަނުގައި އަންހެނުންނާއި، އަންހެން ކުދިންނާއި، ޒުވާނުންނާއި ފިރިހެނުން އެންމެން ވެސް ހިއްސާވަނީ ރަށުގެ މުސްތަގުބަލު ބިނާކުރުމުގެ ޒިންމާގައި،" ބަހާރްވަންދު ވިދާޅުވިއެވެ.





