ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ވަނީ ބޭރުގެ ޖާސޫސީ އިދާރާތަކުން ޗައިނާގެ ކަނޑުގެ ސަރަހައްދުތައް މޮނީޓާ ކުރުމަށް ޒަމާނީ އަދި އާދަޔާ ހިލާފު ގޮތްތައް ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ ތެރޭގައި ސެންސަރު ހަރުކޮށްފައިވާ 'ޖާސޫސީ މަސްމަހާ މެއްސާ ދިރޭތަކެތި' ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ވީޗެޓް' ގައި އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗައިނާގެ ވަށައިގެންވާ ކަނޑުތަކުގައި ފެންނަން ނެތް ސިއްރު ހަނގުރާމައެއް ކުރިއަށްދާ ކަމަށެވެ. އެގޮތުން، ބޭރުގެ ޖާސޫސީ އިދާރާތަކުން ޒަމާނީ އެކި އާލާތްތައް ބޭނުންކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ހައްސާސް މައުލޫމާތުތައް އެއްކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
މި ބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ޖާސޫސީ އިދާރާތަކުން ބޭނުންކުރާ އާލާތްތަކުގެ ތެރޭގައި ބޮޑެތި ކަނޑުގެ ދިރޭތަކެތި ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި 'ޖާސޫސީ ވެލާއާއި ކަހަނބު' އަދި 'ޖާސޫސީ މަސް' ހިމެނޭ ކަމަށް ބުނެފައިވެއެވެ. މި ދިރޭތަކެތީގެ ގައިގައި ހަރުކޮށްފައިވާ ސެންސަރުތައް މެދުވެރިކޮށް، ކަނޑުގެ ފެނުގެ ފިނިހޫނުމިނާއި، ލޮނުކަމާއި އަދި އޮއިވަރުގެ މިސްރާބު ފަދަ ހައްސާސް މައުލޫމާތުތައް ވަގުތުން އެއްކުރެއެވެ.
މިގޮތަށް އެއްކުރާ މައުލޫމާތު ސެޓެލައިޓް މެދުވެރިކޮށް ބޭރު ގައުމުތަކަށް ފޮނުވާކަމަށް ޗައިނާއިން ތުހުމަތުކުރެއެވެ. ނަމަވެސް، މި ދިރޭތަކެތި ފެނުނީ ކޮންތަނަކުން ކަމެއް ނުވަތަ މިކަމުގެ ފަހަތުގައިވަނީ ކޮން ގައުމެއްކަން ޗައިނާގެ މި ބަޔާނުގައި ސާފުކޮށް ބުނެފައެއް ނުވެއެވެ.



