އީރާނުގެ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، އީރާނާ ގުޅުންހުރި ސުޕަ ޓޭންކަރަކުން ހުރުމުޒު ކަނޑުއޮޅީގައި އެމެރިކާގެ ކަނޑުގެ ސިފައިން ދަމަހައްޓަމުން އައި ދަތިކުރުމުގެ ހިސާރު ފޫއަޅުވާލައި އޮމަން ކަނޑަށް ވަދެއްޖެއެވެ. ބޯޓުފަހަރުގެ ހަރަކާތްތައް މޮނީޓާ ކުރާ 'ޓޭންކާ ޓްރެކާސް’ގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި ސުޕަ ޓޭންކަރު ވަނީ އެ ކަނޑުގެ މަގުން ކާމިޔާބުކަމާއެކު ދަތުރުކޮށްފައެވެ.
މި ކަމާ ގުޅޭގޮތުން ވާހަކަ ދެއްކި ފަރާތްތަކުން ބުނާ ގޮތުގައި، މި ކުރިއެރުމުގެ ސަބަބުން އީރާނުގެ ކަނޑުމަތީގައި ތެޔޮ ރައްކާކުރުމުގެ ގާބިލުކަމަށް ގާތްގަނޑަކަށް 20 ލައްކަ ފީފާގެ ސާފު ނުކުރާ ތެޔޮ އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.
މި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ކަނޑުމަތީގެ މި ހިސާރު ފެށުނީއްސުރެ، ސަރަހައްދީ ބައެއް ތަޖުރިބާކާރުން ބުނަމުން އައީ ހަމައެކަނި ޑިޕްލޮމެޓިކް މަސައްކަތުން މި މައްސަލަ ހައްލު ނުވާނެ ކަމަށާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އަސްކަރީ ފިޔަވަޅުތަކެއް ވެސް ބޭނުންވާނެ ކަމަށެވެ.
