އެމެރިކާއިން އަމިއްލައަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ މައްޗަށް ދުނިޔޭގެ ނިޒާމެއް ބައްޓަންކޮށް އެ ނިޒާމު ބޭނުންކޮށްގެން އެހެން ގައުމުތައް ކޮންޓްރޯލް ކުރާ ކަމަށާއި ނަމަވެސް އެމެރިކާއިން އަމިއްލައަށް އެ އުސޫލުތަކާ ހިލާފުވަމުންދާ ކަމަށް އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ޕަލްކީ ޝަރުމާ ބުނެއެވެ.
އާރުޓީ އިންޑިއާގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން ޝަރުމާ ބުނީ، އެމެރިކާއިން އަބަދުވެސް އަމަލުކުރަނީ އެ ގައުމުގެ މަސްލަހަތަށް ފަހިވާ ގޮތަށް އުސޫލުތައް ފަސޭހައިން ބަދަލުކުރަމުން ކަމަށެވެ.
"އެމެރިކާއިން އުސޫލުތައް ހަދާނެ، އެކަމަކު އެމެރިކާއިން އެ އުސޫލުތަކަށް ދުވަހަކުވެސް އަމަލުކުރިތޯ؟ ހޮލީވުޑް ފިލްމުތަކުގައި އެމެރިކާ ސިފައިން ބޭރު ދުނިޔޭގެ ބަޔަކާ ހަނގުރާމަކުރުމަކީ ކިހާވަރެއްގެ ޚިޔާލީ ވާހަކައެއްތޯ، އެމެރިކާގެ އަމިއްލަ އުސޫލުތަކަށް އަމަލުކުރުމަކީ ވެސް ހަމަ އެފަދަ ޚިޔާލީ ކަމެއް،" އޭނާ ކިޔައި ދެއެވެ.
ޝަރުމާ ފާހަގަކުރި ގޮތުގައި، އެމެރިކާގެ އަސްކަރީ ބާރާއި އިގްތިސާދީ ބާރު އަދިވެސް ދުނިޔޭގައި އެންމެ ކުރީގައި އޮތް ނަމަވެސް، އެ ގައުމު ބަލިނުކުރެވޭނެ ކަމަށް ކުރިން ދެއްކި ދެއްކުމކީ މިހާރު މީހުން ގަބޫލުކުރާ ވާހަކައެއް ނޫނެވެ. ދުނިޔޭގެ ވިސްނުން މިހާރު އެމެރިކާއާ މެދު ބަދަލު ވެފައިވާ ކަމަށް އޭނާ ކިޔައި ދިނެވެ.
އެމެރިކާއިން ދުނިޔޭގައި ހަމަނުޖެހުން އުފައްދަމުން ކުރަމުންދާ ހަނގުރާމަތަކަށް އިޝާރާތްކޮށް ޝަރުމާ ބުނީ އަސްކަރީ ބާރުގެ ހުދޫދު އެމެރިކާއަށް މިހާރު ރަނގަޅަށް ސާފުވާނެ ކަމަށެވެ.
"ތިޔަ ބޭފުޅުންނަށް ބޭނުންހާ ތަނަކަށް ބޮން އަޅައި ހަމަލާ ދެވިދާނެ، އެކަމަކު ހަނގުރާމަ ކާމިޔާބެއް ނުކުރެވޭނެ،" އޭނާ އެމެރިކާއަށް އިޝާރާތްކޮށް ބުންޏެވެ. ހާއްސަކޮށް، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުން ފެންނަނީ އެމެރިކާ ބަލިވަމުންދާ މަންޒަރު ކަމަށް ޝަރުމާ ސިފަކުރިއެވެ.
މީގެ އިތުރުން، ދުނިޔޭގެ އިގްތިސާދީ މަސްރަހުގައި ޗައިނާގެ ދައުރު ބޮޑުވަމުންދާކަން ފާހަގަކޮށް ޝަރުމާ ބުނީ، މުދާ އުފެއްދުމުގައި ޗައިނާއާ ވާދަކުރެވޭނެ އެހެން ގައުމެއް މިވަގުތު ނެތް ކަމަށެވެ.
އިންޑިއާ އާއި ރަޝިއާއާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ އެ ގުޅުމަކީ ދިގު މުއްދަތަކަށް ދެމިގެން އައިސްފައިވާ، އިތުބާރުގެ ފުރިހަމަ ގުޅުމެއް ކަމަށެވެ.
އެމެރިކާގެ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުގެ ވާހަކަތަކަކީ ވޮޝިންގްޓަނަށް ނުތަނަވަސްކަން ގެނުވާ ކަމެއް ކަމަށާއި، ދުނިޔޭގެ މާލީ ނިޒާމުގައި އާ ބަދަލުތަކެއް އަންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.





