އީރާނުގެ ރައީސް: ހަނގުރާމައާއި ސުލްހައިގެ ނިންމުންތައް ނިންމާނީ ދައުލަތުގެ އިމާމް

އީރާނާއި އެމެރިކާގެ ފަހުމުނާމާގެ ވާހަކަތަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި ނިންމާ އެންމެ ފަހުގެ ނިންމުންތަކަކީ އީރާނުގެ އިމާމް އާޔަތުﷲ މުޖުތަބާ ޚާމަނާއީ އާއި އެ ގައުމުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ރައީސް މަސްއޫދު ޕެޒޭޝްކިއަން އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

މި ވާހަކަތައް ރައީސް ޕެޒޭޝްކިއަން ފާހަގަކުރެއްވީ، މިހާރު މަޝްވަރާކުރެވެމުންދާ އެއްބަސްވުމާ މެދު އީރާނުގެ ބައެއް ފެކްޝަންތަކުން ހިތްހަމަނުޖެހުން ފާޅުކޮށް، ސިޔާސީ ބައިބައިވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ (އިރްނާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް ވިދާޅުވީ "ގައުމީ އެއްބައިވަންތަކަމާއި ބަދަހިކަން ދެމެހެއްޓުމަކީ މިވަގުތު ގައުމަށް އެންމެ މުހިންމު ކަންތައް" ކަމަށެވެ. އަދި ސިޔާސީ ހުރިހާ ޕާޓީތަކުންވެސް އިމާމް މުޖްތަބާ ޚާމަނާއީގެ ނިންމުންތަކަށް ތަބާވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން އީރާނުގެ ސިޔާސީ މަސްރަހުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އީރާނުގެ ޕާލަމެންޓުގެ ނައިބު ރައީސްކަން ކުރިން ކުރެއްވި އަލީ މުތައްހަރީ ވިދާޅުވި ގޮތުގައި، މިހާރު އޮތް އެއްބަސްވުން ގަބޫލުނުކޮށް ހަނގުރާމަ ދިގުލައިގެން ދިއުމަކީ އީރާނަށް ލިބެން އޮތް ފުރުސަތުތައް ގެއްލި، ފަހުން ހިތާމަކުރަންޖެހޭނެ ކަމެކެވެ. "ޖަމާރަން" ނިއުސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި މުތައްހަރީ ވިދާޅުވީ، މި އެއްބަސްވުމަކީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލޯ މަރާލުން ނޫން ކަމަށެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކުން އަންނަނީ ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން، އެމެރިކާއާއެކު ވެވިދާނެ އެއްބަސްވުމުގެ ތަފްސީލުތަކަށް ވަރުގަދަ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. މިގޮތުން ބައެއް އެއްވުންތަކުގައި މަޝްވަރާކުރާ ފަރާތްތަކާ ދެކޮޅަށް އަޑުއުފުލާފައިވާއިރު، މިކަމުގެ ސަބަބުން ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ހިއްސާ ކުރައްވާ!