އެމެރިކާއާއި އީރާނުގެ އެއްބަސްވުމަށް ޔަހޫދީން ބޯލަނބަންނުޖެހޭ ކަމަށް ބުނެފި

އެމެރިކާއާއި އީރާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމަށް އިސްރާއީލުގެ އެކި ފިކުރުތަކުގެ ސިޔާސީ ވެރިން ވަރަށް ބޮޑަށް ފާޑުކިޔައި، ނުރުހުން ފާޅުކޮށްފިއެވެ. މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނާއި އީރާނުން ހާމަކުރި ގޮތުގައި، އަންނަ ހުކުރު ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން، ލުބުނާނު އާއެކު ހުރިހާ ކުރިމަތިލުންތަކެއް ހިނގާ ސަރަހައްދުތަކެއްގައި އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލަންޖެހެއެވެ.

އިސްރާއީލު ސިފައިން ދަނީ ލުބުނާނުގައި އީރާނުގެ އެހީތެރިކަން ލިބޭ ހިޒްބުالله ޖަމާއަތާ ދެކޮޅަށް ވަރުގަދަ ހަމަލަތައް ދެމުންނެވެ. އަދި އާދިއްތަ ދުވަހު މި އެއްބަސްވުން އިއުލާނުކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިންވެސް އިސްރާއީލުން ވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ބޮޑު ހަމަލާއެއްދީފައެވެ.

އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔަވައިގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން ގަވީރު ސޯޝަލް މީޑިއާގައި ކުރި މެސެޖެއްގައި ބުނީ، ޓްރަމްޕްގެ އެއްބަސްވުމަކީ އިސްރާއީލުން ބޯލަނބަންޖެހޭ އެއްޗެއް ނޫން ކަމަށެވެ.

"އިސްރާއީލަކީ އެމެރިކާގެ ދަށުގައި އޮތް ބައެއް ނޫން. މި އެއްބަސްވުމުގައި އިސްރާއީލުގެ އެއްވެސް ބައިވެރިވުމެއް ނެތް. ހިޒްބުالله ޖަމާއަތް މުޅިން ނައްތާލުން ނޫން އެހެން އެއްވެސް ނިންމުމަކަށް އަހަރެމެން އެއްބަސްވެގެން ނުވާނެ،" ޓެރަރިސްޓް ބެން ގަވީރު ބުނިއެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކާއި ނަތަންޔާހޫގެ ނާކާމިޔާބީ

އިސްރާއީލުގެ ވާތު ފިޔަވައިގެ ޑިމޮކްރެޓްސް ޕާޓީގެ ވެރިޔާ އަދި ސިފައިންގެ ޖެނެރަލް ޔައީރު ގޯލާންވެސް ވަނީ މިފަދަ ރޫހެއްގައި ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި މި އެއްބަސްވުމަކީ އިސްރާއީލަށް އެނގުމެއް ނެތި ސިއްރުން ނިންމާފައިވާ ކަމެކެވެ. އަދި މިއީ ތެހެރާންގައި އޮތް ވެރިކަމަށް ދެވުނު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

ގޯލާން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބޮޑުވަޒީރު ސިފަކުރީ އެއްވެސް ބާރެއް ނެތް، ބަލިކަށި، އަދި ބައިނަލްއަގުވާމީ މުޖުތަމައުން އެކަހެރިވެފައިވާ މީހެއްގެ ގޮތުގައެވެ.

އެމެރިކާއާއި އީރާނުން އާދިއްތަ ދުވަހުގެ ރޭ ލިބުނު މައުލޫމާތުތަކާއެކު ހާމަކުރި ގޮތުގައި، ދެ ގައުމުގެ މެދުގައި ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އަންނަ ހުކުރު ދުވަހުއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރުމާއެކު އީރާނުގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ އެމެރިކާގެ ކަނޑުގެ ހުރަސްތައް ނައްތާލައި، ހުރުމުޒު ކަނޑުއޮޅި ވަގުތުން ހުޅުވާލެވޭނެއެވެ.

ހިއްސާ ކުރައްވާ!