މަސްޖިދުލްއަލްއަޤްޞާގެ ބިމުގައި ބިނާކުރުމަށް ރާވަމުންދާ ޔަހުދީންގެ 3 ވަނަ ފައްޅިއަކީ، ހަމައެކަނި އަޅުކަންކުރާނެ ތަނެއްގެ ގޮތުގައި ފަރުމާކުރާ ތަނެއް ނޫނެވެ. މިއީ ޔަހޫދީންގެ ދީނީ ފޮތްތަކުގައިވާ ރަސްކަމުގެ ޒަމާނުގެ އިސްރައީލީ ރިވާޔަތްތަކާ ގުޅުވައި، އެމީހުން ގަބޫލުކުރާ "މަސީޙުގެ ދައުރު" ނުވަތަ މުގައްދަސް ޒަމާނުގެ ފެށުމެވެ. އަދި މިއީ މުޅި ގުދުސް ހިފައި އަތް ގަދަ ކުރުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ދީނީ ފަލްސަފާއެކެވެ.
މި ފައްޅީގެ ތަސައްވުރު ބޭނުންކުރެވެނީ އެކި ސަރަހައްދުތަކަށް ބެހިފައިވާ ޔަހޫދީ ވަޒަންވެރިންގެ ބައިގަނޑުތަކާއި، ދީނީ މީހުންނާއި، ޒަޔަނިސްޓުން އަދި ގައުމީ ފިކުރުގެ މީހުން އެކަތިގަނޑަކަށް ހަދައި އެއްބައިކުރާނެ ރަމްޒީ ވަސީލަތެއްގެ ގޮތުގައެވެ. ދުނިޔޭގެ އެކި ބައްރުތަކުންނާއި ތަފާތު ސަގާފަތްތަކުން އައިސްފައިވާ ޔަހޫދީންގެ މެދުގައި އޮތް ތަފާތުތައް ނައްތާލައި، އެންމެން އެއް އަމާޒަކަށް އަނބުރާލުމުގެ ބާރަކަށް މި 3 ވަނަ ފައްޅި ބިނާ ކުރުމުގެ ހަރަކާތް ވަނީ ހަދާފައެވެ.
ބައިނަލްއަގުވާމީ މުޖުތަމައަށް ނުވަތަ އިސްރާއީލުގެ ޚާރިޖީ ސިޔާސަތުގައި މި ފައްޅީގެ ދައުރަކީ ސާފު މެސެޖެއް ދިނުމެވެ. އެއީ މުޅި ގުދުސްގެ ހުރިހައި ސަރަހައްދެއްގެ ފުރިހަމަ މިލްކިއްޔާތާއި ހައްގު ބާރު އޮތް ހަމައެކަނި ގައުމަކީ ޔަހޫދީންގެ ޖެނޮސައިޑް ރެޖީމު ކަމަށް ދުނިޔެއަށް ދެއްކުމެވެ. މިއީ އެ ސަހަރުގެ އިސްލާމީ އަދި ތާރީޚީ ހަގީގަތްތައް ބަދަލުކޮށް، ގުދުސްގެ މައްޗަށް ދާއިމީ ވެރިކަމެއް ހިންގުމަށް ޔަހުދީންނާއި ޒަޔަނިސްޓުން ހިންގާ ސިޔާސީ ރޭވުމެކެވެ.
1967ވަނަ އަހަރު އިސްރާއީލުން އިރުމަތީ ގުދުސް ހިފުމަށްފަހު، އަލްއަޤްޞާ މިސްކިތް ނުވަތަ އަލްޙަރަމްުއްޝަރީފްގެ މިލްކިއްޔާތާ ބެހޭގޮތުން ވަކި އުސޫލުތަކެއް ކަނޑައެޅިއެވެ. އެ އުސޫލުތައް ބުނާގޮތުން އެ ބިމުގައި އަޅުކަންކުރުމުގެ ހައްގު ލިބެނީ ހަމައެކަނި މުސްލިމުންނަށެވެ.
- އެހެން ދީންތަކުގެ މީހުންނަށް އެތަނަށް ވަދެވޭނީ ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައެވެ. މި ބިމުގެ އެންމެހައި ކަންކަން ބަލަހައްޓަނީ ޖޯޑަންގެ މިނިސްޓްރީގެ ދަށުން ހިންގާ ގުދުސް އިސްލާމިކް އަވްޤާފް ކައުންސިލުންނެވެ. ނަމަވެސް، މި އުސޫލުތަކާ ޚިލާފަށް އިސްރާއީލުން އެތައް ފަހަރަކު ވަނީ އެ ސަރަހައްދަށް ބޮޑެތި ހަމަލާތަކެއް ދީފައެވެ.
ފަހުގެ އަހަރުތަކުގައި ހަރުކަށި ޔަހޫދީ ޖަމާއަތްތަކުގެ މައިގަނޑު އަމާޒަކަށް ގުދުސްގައި އިމާރާތް ކުރުމާއި މަސްޖިދުލްއަގްސާ ގޮއްވާލމެވެ.
މިގޮތުން، ޔޮއެލް ލާނާ ނަމަކަށް ކިޔާ ޓެރަރިސްޓަކު އިސްވެ ހުރެ 1974އް، 1977އް އަދި 1983ގައި އަލްއަޤްޞާ މިސްކިތާއި ގުއްބަތުއްޞަޚްރާ ގޮއްވާލުމަށް ރޭވުންތައް ރޭވިއެވެ. އެއީ އެ ސަރަހައްދުގައި ހުރި އިސްލާމީ ބިނާތައް ނައްތާލައި، ތިންވަނަ ފައްޅި ބިނާކުރުމަށް މަގުފަހިކުރުމަށެވެ.
- 1969ވަނަ އަހަރު، އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޑެނިސް މައިކަލް ރޯހަން ވަނީ އަލްއަޤްޞާ މިސްކިތުގައި ހުޅުޖަހާފައެވެ.
- މި ހަމަލާގައި، ސަލާހުއްދީނުލް އައްޔޫބީގެ ޒަމާނުން ފެށިގެން ރައްކާތެރިކަމާއެކު ބަލަހައްޓަމުން އައި މިންބަރު އަނދައި ހަލާކުވިއެވެ.
- މިއާއެކު އިސްލާމީ އުންމަތުގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، އޯއައިސީ ޖަމާއަތް އުފެއްދުމުގެ އަސާސަކަށް މި ހާދިސާ ވިއެވެ.
1984 ހަތަރުވަނަ އަހަރު، ޔަހޫދީ ބާރުތަކުން އިސްރާއީލުގެ ސިފައިން އަތުން ހޯދި ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްގެން ގުއްބަތުއްޞަޚްރާ ހަލާކުކޮށްލަން މަސައްކަތްކުރިއެވެ. ނުވަތަ ގޮވާތަކެތި ބަރުކޮށްފައިވާ މަތިންދާބޯޓުތަކުން އެތަނަށް ހަމަލާދިނުމަށް ރޭވިއެވެ.
ޤުއްބަތުއްސަޚުރައަކީ އުމަވީ ޚަލީފާ ސުލައިމާން ބިން ޢަބްދުލް މަލިކުގެ ޚިލާފަތުގައި ރަނުން ބިނާ ކުރެއްވި ޤުއްބެކެވެ.
އެންމެ ފަހު ވަގުތު އެ ޔަހޫދީ ޓެރަރިސްޓް ނާކާމިޔާބުކޮށްލެވުނެވެ. ހަމަ އެ އަހަރު ބްނެއި ޔެހޫދާ ޖަމާއަތުގެ މެންބަރުން މިސްކިތުގެ ސަރަހައްދަށް ވަދެ، އެތަން ގޮއްވާލަން އުޅުމުން ޤުދުސްގެ އަވްޤާފްގެ އޮފިޝަލުން ވަނީ އެކަން ހުއްޓުވާފައެވެ.
- 1990ވަނަ އަހަރު، ޓެމްޕަލް މައުންޓް ފެއިތްފުލް ޖަމާއަތުން ތިންވަނަ ފައްޅީގެ ބިންގާ އެޅުމަށް ގޮވާލުމާ ގުޅިގެން ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ފަލަސްތީނު މީހުން ޝަހީދުވިއެވެ.
- 1996ވަނަ އަހަރު ބާބުލް އަސްބާޠުގެ ދަށުން ޔަހޫދީން ކޮނެގެން ބޮޑު ހޮހަޅައެއް ނުވަތަ ޓަނަލެއް ހުޅުވައި މިސްކިތުގެ ބިންގާ ގުޑުވާލިއެވެ،.
- 2000 ވަނަ އަހަރު ލިކޫދް ޕާޓީގެ ވެރިޔާ އެރިއަލް ޝެރޯން މިސްކިތުގެ ސަރަހައްދަށް ވަނުމުން ފަލަސްތީނުގެ ދެވަނަ އިންތިފާޟާ ފެށުނެވެ.
- 2017ވަނަ އަހަރު ސަލާމަތީ ސަބަބުތަކަށްޓަކައި މިސްކިތުގެ ދޮރުތަކުގައި ދަގަނޑއި ގޮވާތަކެތި ދަނެގަންނަ މެޝިންތައް ބެހެއްޓުމަކީ ބޭރުގެ ނުފޫޒު ފޯރުވުން ކަމަށް ބެލެވުނެވެ.
- 2021ވަނަ އަހަރު އިސްރާއީލުން ދިން ހަމަލާތަކުގައި މިސްކިތުން ދުން އަރަމުންދިޔައިރު، ޔަހޫދީން ވަނީ ޔަހޫދީން ރޯން ތިބޭ ފާރު (މުސްލިމުންގެ އަގީދާގައި ބުރާގު ފާރު) ގެ ކައިރިއަށް އެއްވެ، ލަވަކިޔައި އުފާފާޅުކޮށްފައެވެ.
މި ހުރިހާ ހާދިސާތަކަކީ އިސްރާއީލުގެ ސިޔާސީ ވެރިންނާއި ހަރުކަށި ޖަމާއަތްތަކުން އަލްއަޤްޞާ މިސްކިތުގެ ހައިބަތު ކުޑަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެވެ. މިގޮތުން، ގަވާއިދާ ޚިލާފަށް މިސްކިތަށް ވަނުމާއި، ހަމަލާދިނުމާއި، ގާނޫނީ ހުރަސްތައް ކުރިމަތިކުރުމުގެ އަސާސީ ބޭނުމަކީ އިސްލާމީ ތަރިކަ ނައްތާލައި، އެ ބިމުގައި ސުލައިމާންގެފާނުގެ ފައްޅި އަލުން ބިނާކުރުމެވެ.
ޔަހޫދީން 70 އަހަރު ވަންދެން މަސްޖިދުލްއަގްސާގެ ދަށް ކޮނެ ބެލުމުންވެސް އެމީހުންނަށް ސުލައިމާނުގެ ފައްޅިއެއް ފެނިފައެއް ނުވެއެވެ.






