ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ ގެ އިރުމަތީގައި އޮންނަ ބަރްޤާ އަދި ދައިރު ދިބްވާން އަވަށަށް ޔަހޫދީ ވަޒަންވެރިންގެ ހަރުކަށި ބައިގަނޑުތަކަކުން އާދީއްތަަ ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި އެމީހުން ވަނީ އާންމުންގެ ގިނަ އުޅަނދުތަކެއްގައި އަލިފާން ރޯކޮށް، މިސްކިތެއް އަންދާލަން މަސައްކަތްކޮށްފައެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ "ވަފާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަތިޔާރުއެޅި ޔަހޫދީ ވަޒަންވެރިންގެ ބައިގަނޑެއް ބަރްޤާ އަވަށަށް ވަދެގަނެ، އެ އަވަށުގެ "އައްނޫރު" މިސްކިތް ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއްގައި ވަނީ ހުޅުޖަހާފައެވެ. މީގެ ސަބަބުން އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ.
ބަރްޤާ އަވަށުގެ ކައުންސިލް ރައީސް މައުލޫމާތު ދެއްވި ގޮތުގައި، ޔަހޫދީން ވަނީ މިސްކިތުގެ ދޮރުތައް ހަލާކުކޮށްލުމަށްފަހު، މިސްކިތުގެ އެތެރެއަށް އަލިފާންގަނޑު ފެތުރުމުގެ ބޭނުމުގައި މިސްކިތުގެ ދޮރުމަތީގައި ރޯކޮށްލާފައެވެ. ނަމަވެސް، އަވަށުގެ ފަލަސްތީނު ރައްޔިތުން ވަގުތުން އެއްވެ، އަލިފާންގަނޑު މިސްކިތުގެ އެތެރެއަށް ނުފެތުރެނީސް ވަނީ ނިއްވާލާފައެވެ. ފަލަސްތީނު މީހުން ކުރިމަތިލުމުން ޔަހޫދީން ވަނީ އެތަނުން ފިލާފައެވެ.
މީގެ އިތުރުން، ރާމަﷲ ގެ އިރުމަތީގައި އޮންނަ ދައިރު ދިބްވާން ބަލްދާއަށްވެސް ޔަހޫދީ ވަޒަންވެރިންގެ އެހެން ބައިގަނޑެއް ވަނީ ހަމަ އެރޭ ކުއްލިއަކަށް ވަދެގަނެފައެވެ. އެމީހުން ވަނީ އަވަށުގެ ހުޅަނގު ދޮރުމަތީގައި އޮންނަ "އަލްމަރާޙް" ސަރަހައްދަށް ވަދެ، އެތަނުގައި ހުރި ދެ އުޅަނދެއްގައި އަލިފާން ރޯކޮށްލާފައެވެ. އަދި އެ އަވަށުގެ މިސްކިތެއްގެ ކައިރީގައި ޕާކުކޮށްފައި ހުރި އިތުރު ދެ އުޅަނދެއް ތަޅާ ހަލާކުކޮށްލިއެވެ.






