ފަހުމުނާމާގައި ސޮއިކުރި ނަމަވެސް ޖަރީމާތައް 'ހަނދާން ނައްތާލުމެއް ނެތް' ކަމަށް އީރާނުން ބުނެފި

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށްޓަކައި ވާޗުއަލްކޮށް ސޮއިކުރެވުނު ފަހުމުނާމާއަކީ ޑިޕްލޮމެޓިކް ބޮޑު ކާމިޔާބީއެއް ކަމުގައި ވިޔަސް، އެމެރިކާއާއި އިޒްރޭލުގެ ސިޔާސަތުތަކާ މެދު އީރާނުން ދެކޭ ގޮތަށް ބަދަލެއް ނާންނަ ކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ މިއަދު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމުގައި ވިޔަސް، އެމެރިކާއާއި ޔަހޫދީ ރެޖީމުން އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް މަޢާފުކުރުމެއް ނުވަތަ ހަނދާން ނައްތާލުމެއް ނޯންނާނެއެވެ.

މި ފަހުމުނާމާގެ ރަސްމީ ސޮއިކުރުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތުގެ ކުރިން އީރާނުގެ އިސް އޮފިޝަލުން ސަރަޙައްދީ އަވަށްޓެރި ޤައުމުތަކަށް ދަތުރުފުޅުތަކެއް ކުރައްވާނެއެވެ.

މި އެއްބަސްވުމުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ލުބުނާނުގެ ސިޔާދަތާއި މިނިވަންކަމަށް ފުރިހަމައަށް އިޙްތިރާމްކުރުމާއި، އެ ޤައުމާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހުއްޓާލުން ހިމެނޭ ކަމަށް ބަޤާއީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދުނިޔޭގެ ހަކަތައިގެ މައިދާނުގައި އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމަށްވާ ހުރުމްޒް ކަނޑުއޮޅި ރައްކާތެރި މަގަކަށް ހެދުމަށް އީރާނުން ޚާއްޞަ އިސްކަމެއް ދޭނެއެވެ. އޮމާނާއި އެހެނިހެން ޤައުމުތަކާ ގުޅިގެން މި މަގުން ދަތުރުކުރާ އުޅަނދުތަކުން މެރިޓައިމް ޚިދުމަތުގެ ފީއެއް ވަކި މުއްދަތަކަށް ނެގުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން އީރާނުގެ ފޭރިގެންފައިވާ މުދަލާއި ފައިސާ އަނބުރާ ދިނުމަށް ވައުދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އެމެރިކާގެ ޒިންމާއެއް ކަމަށާއި، އީރާނުން ތެލާއި ޕެޓްރޯކެމިކަލް އުފެއްދުންތައް ބޭރުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބެންޖެހޭނެ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އެމެރިކާއިން މި ވައުދުތައް ފުއްދުމުގައި ފެއިލްވެއްޖެނަމަ، އޭގެ ރައްދުގައި އީރާނުން ވެސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

"އެމެރިކާގެ ވެރިންނާއި އިޒްރޭލުން އީރާނުގެ ރައްޔިތުންނަށް ދިން ގެއްލުންތަކާއި ގެއްލުނު ލީޑަޝިޕްގެ ހަނދާންތައް ދުވަހަކުވެސް ނުފިލާނެ،" ބަޤާއީ ވިދާޅުވިއެވެ. "އެމެރިކާއިން އީރާނުގެ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަކީ ދިގު އަދި އުނދަގޫ ދަތުރެއް." ބަގާއީ ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅިގެން މިއީ އީރާނުގެ ބާރުވެރިކަން ސާބިތުކޮށްދޭ ކަމެއް ކަމަށް އީރާނުގެ ވެރިން ވިދާޅުވެއެވެ.

ހިއްސާ ކުރައްވާ!