ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މުޝީރު އިންޑިއާ އެއާޕޯޓުން ހިފަހައްޓައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙުމާންގެ ސިޔާސަތާ ބެހޭ މުޝީރު ޒާހިދު ރަޙުމާން، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ގަޑިއިރަށްވުރެ ގިނަ ވަގުތު ހިފެހެއްޓުމާ ގުޅިގެން، ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުމުގައި ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ އިއްތިޙާދުގެ އައިއޯރާގެ ބައްދަލުވުމަކަށް ވަޑައިގެންނެވި ޒާހިދު އެއާޕޯޓުން ހިފެހެއްޓުމަށްފަހު ފަހުން އެތެރެވުމުގެ ހުއްދަ ދިން ނަމަވެސް، އޭނާ ވަނީ އިންޑިއާއަށް އެތެރެވެ ވަޑައިގަތުމަށް ދެކޮޅު ހައްދަވައި، ކޮލަމްބޯ މަގުން އަނބުރާ ޑާކާ އަށް ވަޑައިގެންފައެވެ.

މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ވަނީ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ޕަވަން ބާދޭ ހާޒިރުކޮށް، އެ ޤައުމުގެ އިހުތިޖާޖު ފާޅުކޮށްފައެވެ. ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޚަލީލުއްރަޙުމާން ސިފަކުރެއްވި ގޮތުގައި، މިއީ "އުންމީދު ނުކުރާ ފަދަ" އަދި "ހިތާމަވެރި" ހާދިސާއެކެވެ.

މި ހާދިސާ ހިނގާފައި މިވަނީ، މި އަހަރުގެ ފެބްރުއަރީ މަހު ބަންގްލަދޭޝްގައި ބޭއްވި އިންތިޚާބު ކާމިޔާބުކޮށް، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ އިން ވެރިކަމާ ހަވާލުވި ފަހުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ޒާހިދު އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން އެކަން ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އިންޑިއާގެ ޚާރިޖީ ވުޒާރާއަށް އަންގާފައިވެއެވެ. ނަމަވެސް، އިމިގްރޭޝަން ޗެކިންގެ ތެރޭގައި އޭނާ ހިފެހެއްޓީ، އޭނާގެ ނަން "ސެކިއުރިޓީ ވޮޗްލިސްޓް" އެއްގައި އޮތުމުން ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، އޭނާ ދަތުރުކުރެއްވީ ޑިޕްލޮމެޓިކް ޕާސްޕޯޓެއްގައެއް ނޫނެވެ. މި ހާދިސާއާ ގުޅޭގޮތުން އިންޑިއާގެ ފަރާތުން މިހާތަނަށް ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

މި ހާދިސާއަކީ އިންޑިއާއިން ބަންގްލަދޭޝްގެ އާ ސަރުކާރާމެދު ދެކޭ ގޮތް ބަދަލުވަމުންދާ ކަމުގެ އިޝާރާތެއް ކަމަށް ބައެއް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ސިޔާސީ ތަޖުރިބާކާރު ޕްރަތިމް ރަންޖަން ބޯސް ވިދާޅުވި ގޮތުގައި، މިއީ ބީއެންޕީ ވެރިކަމަށް އައި ފަހުން އިންޑިއާއިން އެ ޕާޓީއާ މެދު "މާ ހަރުކަށި" ސިޔާސަތެއް ގެންގުޅެން ފެށި ކަމުގެ ފުރަތަމަ ނިޝާނެވެ.

މި ހާދިސާއާ ގުޅިގެން ދެ ޤައުމުގެ ގުޅުމަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް އަދި ނުފެނުނު ނަމަވެސް، މި ހާދިސާގެ ސަބަބުން ދެ ވެރިރަށުގެ ޑިޕްލޮމެޓިކް ފަރާތްތަކުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާކަން ޔަޤީނެވެ.

ޝައިޚް ޙަސީނާގެ ވެރިކަން ވެއްޓުމަށްފަހު އައި ބަންގްލަދޭޝްގެ އައު ސަރުކާރަކީ، އިންޑިއާއާއި ޗައިނާއާ ދެމެދު ސްޓްރެޓެޖިކް ބެލެންސް ހިފެހެއްޓުމަށް މަސައްކަތްކުރަމުންދާ ސަރުކާރެކެވެ. އެހެންކަމުން، މިފަދަ ކޮންމެ ހާދިސާއަކީ ވެސް ސަރަޙައްދީ ސިޔާސީ މަސްރަޙު ވަރަށް ގާތުން ބަލާ ފަރާތްތަކަށް މުހިންމު ކަމަކަށް ވާނެއެވެ.

ހިއްސާ ކުރައްވާ!