ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި މަސައްކަތްކުރާ އަންހެން ޑޮކްޓަރަކަށް އެސިޑް ހަމަލާއެއް ދިނުމާ ގުޅިގެން، އެ ސަރަހައްދުގެ ޞިއްޙީ ޚިދުމަތްތެރިން ރުޅިވެރިކަމާއެކު މަގުތަކަށް ނުކުމެ، ޞިއްޙީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައިފިއެވެ. މި ހާދިސާ ހިނގީ ޖޫން 5 ވަނަ ދުވަހު ކުއެޓާގެ ސަންޑެމަން ސިވިލް ހޮސްޕިޓަލުގައެވެ. 29 އަހަރުގެ ޑޮކްޓަރު މަހްނޫރް ނާސިރަށް އެސިޑް ހަމަލާ ދިނީ އެ ހޮސްޕިޓަލުގެ ލިފްޓް އޮޕަރޭޓަރު ހުމާޔޫން ޝާހެވެ. މި ހަމަލާގައި ޑޮކްޓަރު މަހްނޫރްގެ ހަށިގަނޑުގެ 13 އިންސައްތަ ފިހުނު އިރު، ފަރުވާއަށް ފަހު އޭނާ މިހާރު ގެންގޮސްފައިވަނީ ކަރާޗީގެ އާގާ ޚާން ޔުނިވަރސިޓީ ހޮސްޕިޓަލަށެވެ. ހަމަލާ ދިން މީހާ ފަހުން ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ވަނީ މަރުވެފައެވެ.
ޞިއްޙީ ވަޒީރު ބަކްތު ކަކާރު ވިދާޅުވި ގޮތުގައި، ހަމަލާ ދިން މީހާ މަސްތަކެއް ވަންދެން ޑޮކްޓަރު މަހްނޫރަށް ގޯނާކުރަމުން ގޮސްފައިވާކަން އޭނާގެ ފޯނުން ފެނުނު މެސެޖުތަކުން ހާމަވެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ޔަންގް ޑޮކްޓާސް އެސޯސިއޭޝަނުން ވަނީ ޕްރޮވިންސްގެ ހޮސްޕިޓަލުތަކުގެ އައުޓްޕޭޝަންޓް ޚިދުމަތްތައް ހުއްޓާލައިފައެވެ. ނަމަވެސް ސަރުކާރުން ވަނީ އިހުތިޖާޖު ކުރި 23 ޑޮކްޓަރަކާއި ހަތަރު ޓްރޭނީއަކު ސަސްޕެންޑްކޮށްފައެވެ.
"ޑޮކްޓަރު މަހްނޫރަށް ދިން ހަމަލާއަކީ އަހަރެމެންގެ ޝަރަފަށް ދިން ހަމަލާއެއް،" ސީނިއާ ޑޮކްޓަރު އިސްހާޤް ދުރާނީ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހާދިސާތަކުގެ ސަބަބުން ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ސަލާމަތާމެދު ބޮޑެތި ބިރުތަކެއް އުފެދިފައިވެއެވެ.
މި ހާދިސާއަކީ ޕާކިސްތާނުގައި އަންހެނުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކުގެ ތެރެއިން އެންމެ ފަހުގެ އެއް ކަންތަކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ބަލޫޗިސްތާނުގައި މަދުވެގެން 90 އަންހެނުން 2025ގައި މަރާލާފައިވެއެވެ. އަދި 2019-2025ގައި އެ ޕްރޮވިންސްގައި އަންހެނުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ 472 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ޕާކިސްތާނުގައި 370،000 ރަޖިސްޓްރީކޮށްފައިވާ ޑޮކްޓަރުން ތިބި ނަމަވެސް، އޭގެ ތެރެއިން 70،000 އަންހެން ޑޮކްޓަރުން ވަޒީފާ އަދާނުކުރެއެވެ. މީގެ އިތުރުން، މެޑިކަލް ސްކޫލުތައް ނިންމާ އަންހެން ޑޮކްޓަރުންގެ ތެރެއިން ކޮންމެ ތިން މީހުންގެ ތެރޭން އެކަކު، ވަޒީފާގެ މާހައުލުގައި ހުރި ގޮންޖެހުންތަކާ ހެދި މަސައްކަތް ދޫކޮށްލައެވެ.
އާރަތް ފައުންޑޭޝަންގެ އޮފިޝަލެއް ކަމަށްވާ އަލާއުދިން ޚިލްޖީ ވިދާޅުވީ، ކުއެޓާގައި ޖިންސީ ފުރައްސާރައާއި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ. ހޮސްޕިޓަލުތަކުގެ ސަލާމަތީ ކަންކަން ދަށްވުމުގެ ސަބަބުން، ދަރިން މެޑިކަލް ދާއިރާއަށް ފޮނުވަން ބެލެނިވެރިން ފަސްޖެހޭ ހާލަތަކަށް ކަންކަން ދިޔުމަކީ ޤައުމީ ފެންވަރުގެ ކަންބޮޑުވުމެކެވެ.





