ޢަރަބި ލީގުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަމްރޫ މޫސާ ވިދާޅުވީ، އެމެރިކާއާއި އިސްރާއީލާ ކުރިމަތިލުމުގައި އީރާނުން ދެއްކި ބުއްދިވެރި ސާބިތުކަމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ. އަދި މެދުއިރުމަތީގެ ސަރަހައްދީ ބަދަލުތައް މިހާރު ފެށިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީސްމީޑިއާގައި ޢަމްރޫ މޫސާ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކޮށްފައިވާ މަޝްވަރާތަކަކީ ތާއީދުކުރަންޖޭހޭ މުހިންމު ކުރިއެރުން ތަކެއް ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންކުރެވިދާނެ މުހިންމު ފެށުމެއް ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ބުއްދިވެރި ހިތްވަރާ އެއްވަރު ކުރެވޭނީ، އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ދައްކަމުންދާ ދިގު މުއްދަތުގެ ސާބިތުކަމެވެ.
މި ފަހުމުނާމާގެ ސަބަބުން ސަރަހައްދުގެ އުނދަގޫ މައްސަލަތަކަށް ކުރިއަށް އޮތް ތަނުގައި ހައްލު ލިބޭނެ ކަމަށް ޢަމްރޫ މޫސާ ގަބޫލުކުރައްވައެވެ. ފަލަސްތީނުގެ މައްސަލައިގެ ހައްލަކީ ގައުމުތަކާއެކު ގުޅުން ބަދަހިކުރުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ ނިންމުންތަކާ އެއްގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ހައްގު ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަން ހާސިލުކުރުމަށްޓަކައި، ފަލަސްތީނުގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމަށް މި އަހަރުގެ ތެރޭގައި ރިޔާސީ އަދި މަޖިލިސް އިންތިޚާބު ބޭއްވުމަށް ފަލަސްތީނުގެ ވެރިންނަށް އޭނާ ގޮވާލެއްވިއެވެ.
މެދުއިރުމަތީގެ އާ އިންތިޒާމުތަކާ ބެހޭގޮތުން އަރަބިންގެ ވެރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބާއްވާ ބައްދަލުވުމެއްގައި މި މައްސަލަ ހުށަހެޅުމަށް ޢަމްރޫ މޫސާ ވަނީ ލަފާދެއްވާފައެވެ.




