ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާނުލައިފިނަމަ އީރާނުން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު

ޖެނޮސައިޑް އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދެމުންދާ އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އީރާނުގެ އަސްކަރީ އިސް ވެރިން އިންޒާރު ދެއްވައިފިއެވެ. އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ ޖޮއިންޓް ކޮމާންޑް ކަމަށްވާ "ޚާތަމުލް އަންބިޔާ" މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން އެ ހަމަލާތައް ހުއްޓާނުލައިފިނަމަ، އީރާނުގެ އަސްކަރިއްޔާގެ ފަރާތުން ވަރަށް ހަރުކަށި އަދި ވަރުގަދަ ރައްދެއް ކުރިމަތިވާނެ ކަމަށެވެ.

އީރާނުގެ ރަސްމީ ޚަބަރު ފަތުރާ އިދާރާ "އިރްނާ" އިން ރިޕޯޓުކުރާ ގޮތުގައި، މި އިންޒާރު ދީފައިވަނީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ވައިގެ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މި ހަމަލާތައް މިހެން ކުރިއަށްދާއިރު، އެމެރިކާއާއި އީރާނާ ދެމެދު ސަރަހައްދީ ފެންވަރެއްގައި ހަނގުރާމަތައް ހުއްޓާލުމަށް ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ.

މި މައްސަލައާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ، ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޮފްއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގައި އަރާޤްޗީ ވިދާޅުވީ، ފަހުމުނާމާގެ ބައިތައް ތަންފީޒު ކުރުމުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭނެ ކަމަށާއި، އިސްރާއީލުން ލުބުނާނަށް ދޭ ހުރިހާ ހަމަލާތަކެއް ވެސް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

މި މަޝްވަރާތަކާ ގުޅިގެން ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެއްބަސްވުމުގެ ލިޔުންތައް ފައިނަލް ކުރެވޭތީ އެކަމަށް މަރުހަބާ ދަންނަވާ ކަމަށާއި، މި އެއްބަސްވުން ތަންފީޒު ކުރުމަށް ރަޝިއާގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!