ނަތަންޔާހޫ ލަދު ގަންނަވާލީތީ ރުޅި ގަދަވެއްޖެ

އީރާނަށް ދޭން ތައްޔާރު ކުރި ފުޅާ ދާއިރާއެއްގެ ވައިގެ ހަމަލާއެއް، އެ ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ހުއްޓުވިކަން އިސްރާއީލުގެ ވައިގެ ސިފައިންގެ ވެރިޔާ އޮމަރު ޓިޝްލާ ހާމަކުރުމާ ގުޅިގެން، ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އަސްކަރީ އިސްވެރިންނާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކުރާ ގޮތުގައި، މިކަމާ ގުޅިގެން ކެބިނެޓުގެ ޖަލްސާއެއްގައި ނަތަންޔާހޫ ވަނީ ސިފައިންގެ ޗީފް އޮފް ސްޓާފް އިޔާލް ޒަމީރަށް ހުތުރު ބަހުން ބަވާފައެވެ. ނަތަންޔާހޫ ބުނި ގޮތުގައި، ވައިގެ ސިފައިންގެ ވެރިޔާ އޭނާގެ ދަށުން މަސައްކަތްކުރާ ފަރާތްތަކަށް ފޮނުވި މި މެސެޖަކީ "ގައުމީ ފެންވަރުގެ ބޮޑު ކުށެއް" ކަމަށެވެ. އަދި އެކަމުން އޭނާ ލަދުގަންނަވާލީ ކަމަށެވެ.

މައްސަލަ އުފެދުނު ސަބަބުތައް

  • މި މައުލޫމާތުތައް އާންމުވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރިފުޅުމަތީގައި ނަތަންޔާހޫއާއި އިސްރާއީލު "ލަދުގަންނަވާލީ" ކަމަށް ބުންޏެވެ.

  • ހަމަލާ ހުއްޓުވި ގޮތާއި އޭގެ ސަބަބުތައް އާންމުކުރުމަކީ ސިފައިންގެ ސިއްރުތައް ލީކުކުރުން ކަމަށާއި، މިއީ ސިޔާސީ ގޮތުން އިސްރާއީލަށް ކުރިމަތިވި ހުރަހެއް ކަމަށް ނަތަންޔާހޫ ބުނެއެވެ.

އޮމަރު ޓިޝްލާގެ މެސެޖުގައިވާ ގޮތުން، އިސްރާއީލުގެ ވައިގެ ސިފައިން ތިބީ އީރާނުގެ އެތެރޭގެ ސަތޭކައެއްހާ އަމާޒަކަށް ހަމަލާދިނުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެ ހަމަލާ ދިނުމަށް ހުރިހާ ތައްޔާރީތަކެއް ނިމި، ފްލައިޓުތައް ފުރުމަށް އެންމެ އެއް ގަޑިއިރަށް ވެފައި ވަނިކޮށް، ސިޔާސީ ފެންވަރުން އެ އޮޕަރޭޝަން ހުއްޓުވީ ކަމަށް އޭނާ ބުންޏެވެ.

ސިފައިންގެ މަސްދަރުތަކުން ބުނާ ގޮތުގައި، ވައިގެ ސިފައިންގެ ވެރިޔާގެ މަގުސަދަކީ ސިޔާސީ ފަރާތްތަކަށް ފާޑުކިޔުން ނޫން ކަމަށާއި، އެއީ ހަނގުރާމައިގެ ދުވަސްވަރު ޕައިލެޓުންނާއި އަސްކަރީ ބައިވެރިން ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކުރުން ކަމަށެވެ.

ހިއްސާ ކުރައްވާ!