އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދުވަސްވަރުގެ މަޝްހޫރު ސިޔާސީ މުޝީރު ޖޭމްސް ކާވެލް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ މި ދައުރު ނިމުމުގެ ކުރިން އޭނާ ވެރިކަމުން ވަކިވެވަޑައިގަންނަވާނެ ކަމަށް ލަފާކުރައްވައި، އެމެރިކާގެ ސިޔާސީ މަސްރަހުގައި ބޮޑު ބަހުސެއް އުފައްދަވައިފިއެވެ.
’ޕޮލިޓިކަލް ވޯ ރޫމް' ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ކާވެލް ވިދާޅުވީ، 2027 ވަނަ އަހަރުގެ ބަހާރު މޫސުމުގެ ތެރޭގައި ޓްރަމްޕް ވެރިކަމުން ވަކިވެވަޑައިގަންނަވާނެ ކަމަށެވެ. ކާވެލްގެ މި ލަފާކުރުންތައް ބިނާކުރައްވަނީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ފެންނަމުންދާ ބަދަލުތަކާއި، ޓްރަމްޕްގެ ވެރިކަމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށެވެ.
ކާވެލް ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕްގެ ސުލޫކަށް ބަލާއިރު، ވެރިކަމުގެ ބުރަ މަސައްކަތްތަކާއި، ޚާއްސަކޮށް އީރާނާ ދެކޮޅަށް އޮތް ނުތަނަވަސްކަން ފަދަ ކަންކަމުން އޭނާ މިހާރު ފޫހިވެފައިވާތަން ފެނެއެވެ. އަދި އޭނާގެ ސިކުނޑީގެ ހާލަތާ މެދު ސުވާލު އުފައްދަވަމުން ޓްރަމްޕް ގިނައިން އަވަހާރަފުޅު ލައްޕަވާ ތަން ފެންނަމުންދާ ކަމަށް ކާވެލް ތުހުމަތު ކުރެއްވިއެވެ.
ކާވެލްގެ މި ވާހަކަތަކަށް ވައިޓް ހައުސްއިން ވަނީ ވަރަށް ހަރުކަށިކޮށް ރައްދު ދީފައެވެ. ރައީސްގެ ތަރުޖަމާނު ޑޭވިސް އިންގްލް ވިދާޅުވީ، ކާވެލްގެ މި ވާހަކަތަކަކީ 'ޓްރަމްޕް ޑިސްއޯޑާ ސިންޑްރޯމް’ގެ ސަބަބުން ދައްކާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ކާވެލްއަކީ ސިޔާސީ ގޮތުން އަބަދުވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭ ފަރާތެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި ސިޔާސީ ދެބަސްވުންތައް މިހެން ހުރިއިރު، އެމެރިކާގެ އިގުތިސާދީ ހާލަތާ މެދު ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. ތަކެތީގެ އަގު ބޮޑުވުމާއި، ގަނެވޭ ބާރު ދަށްވުމަކީ ކުރިއަށް އޮތް އިންތިޚާބުތަކުގައި ޓްރަމްޕްގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.
އެމެރިކާގެ ކޮންގްރެސްގެ މެޖޯރިޓީ ގެއްލިއްޖެނަމަ، ޓްރަމްޕު އަޒުލުކޮށް މަގާމުން ދުރުކުރުމުގެ މަރުހަލާ ފަށައިފާނެ ކަމުގެ ބިރު ވެސް އޮތްކަން ޓްރަމްޕް ވަނީ އޭނާގެ ސަޕޯޓަރުންނަށް ހާމަކުރައްވާފައެވެ. އެންމެ ފަހުގެ ޚިޔާލު ހޯދުމުން ދައްކާ ގޮތުައި ޓްރަމްޕްެގހހެ މަގްބޫލުކަންވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.




