ސުންނީ މުސްލިމު ގައުމުތައް އެއްގަލަކަށް އެރުމުން އިސްރާއީލު ބިރުގަނޭ

ސުންނީ މުސްލިމު ގައުމުތަކުގެ މެދުގައި އުފެދެމުންދާ އާ ސްޓްރެޓެޖިކް ގުޅުންތަކުގެ ސަބަބުން އިސްރާއީލު މާޔޫސްކަމާއި ބިރުވެރިކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ. މިކަން ހާމަވެގެންދިޔައީ ޔަހޫދީ ރެޖީމްގެ ޑިއާސްޕޯރާ އެފެއާޒް މިނިސްޓަރު އަމީޗައި ޗިކްލީ، ބުދަ ދުވަހު ދެއްކެވި ވާހަކަތަކުންނެވެ.

އިސްރާއީލުގެ 103 އެފްއެމް ރޭޑިއޯއަށް ދިން ބަސްދީގަތުމެއްގައި ޗިކްލީ ބުނީ، "ތުރުކީ-ގަތަރު-ޕާކިސްތާން" ގެ މި އާ ނާރެސް އުފެދިގެން އައުމަކީ ޔަހޫދީންނަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެމެރިކާއާއި އީރާނާ ދެމެދު އެކުލަވާލެވުނު އާ އެއްބަސްވުމުގެ ފަހަތުގައި ތިބީ މި 3 ގައުމުކަން ފާހަގަކޮށް އޭނާ ބުނީ، އީރާނުގެ އިގުތިސާދު އިޔާދަކުރުމަށްވުރެ ބޮޑަށް އޭނާ ކަންބޮޑުވަނީ މި އާ ގުޅުންތަކާމެދު ކަމަށެވެ.

އީރާންގެ ބާރުގަދަ ކުރިއަށް ވުރެން ގަދަވެއްޖެކަމަށް ބުނާ މައްސަލައިގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ އެކު ކުރެވުނު ސިއްރު މަޝްވަރާތަކުން ނަތަންޔާހޫ އެކަހަރި ކުރައްވާފައެވެ. އީރާނާ އެކު ކުރެވުނު މި އެއްބަސްވުމަކީ، ޕާކިސްތާނުގެ މެދުވެރިކަމާއެކު އޭޕްރީލް 8 ގައި ވެވުނު ވަގުތީ ސުލްހައިގެ ނަތީޖާއެއް ކަމަށާއި، މިއީ ހުކުރު ދުވަހު ސްވިޒަލޭންޑުގައި ރަސްމީކޮށް ސޮއިކުރެވޭނެ އެއްބަސްވުމެކެވެ.

ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޒައާމަތުގައި، ތުރުކީއާއި ޕާކިސްތާނާއި އަދި ގަތަރާ ދެމެދު އޮތް ގުޅުން ވަނީ އާ ހަރުފަތަކަށް ގޮސްފައެވެ. މިދިޔަ މަހު ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚާވާޖާ އާސިފް ވިދާޅުވި ގޮތުގައި، ސައުދީ އަރަބިއްޔާއާއެކު އޮތް ދިފާއީ އެއްބަސްވުމުގެ ތެރެއަށް ތުރުކީއާއި ގަތަރު ވެސް ވެއްދުމަކީ ކުރިމަގަށް ވަރަށް ރަނގަޅު ތަރައްގީއެއް ކަމުގައެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ހިންގަމުންދާ ޖެނޮސައިޑް ޖަރީމާތަކާއި ލުބުނާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަ ދައްކާ ގައުމަކީ ތުރުކީއެވެ. ތުރުކީން އަންގާރަ ދުވަހު ވަނީ، އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ މި ސުލްހައިގެ މަސައްކަތްތައް ހަލާކުކޮށްލަން އިސްރާއީލުން މަސައްކަތްކޮށްފާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. މި ސުންނީ މުސްލިމް ގައުމުތަކުގެ މި އާ އެކުވެރިކަމަކީ މި ސަރަހައްދުގެ ޖިއޮޕޮލިޓިކްސް ބަދަލުކޮށްލާނެ ވަރަށް މުހިންމު ބާރެއް ކަމަށް މުހައްލިލުން ދެކެއެވެ.

ހިއްސާ ކުރައްވާ!