ހިފާފައިވާ ހުޅަނގު އައްސޭރީގައި އިބްރާހީމްގެ ފާނުގެ ސިޓީ ޚަލީލުގައި ހުންނަ އިބްރާހީމްގެ ފާނު ފަސްދާނު ލާފައިވާ މިސްކިތް ތާރީޚީ އިބްރާހީމީ މިސްކިތާއި އެ މިސްކިތުގެ ހަރިންމައިގެ ތެރޭގައި ހިމެނޭ ހުރިހައި ސަރަހައްދަކާއި އެެ ސަރަހައްދުގެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ހުރިހައި ބާރުތައް ފަލަސްތީނުގެ މުނިސިޕަލް ކައުންސިލްގެ އަތުން އަތުލައި، އެ ބާރުތައް ޖެނޮސައިޑް ސަރުކާރަށް ނަގާފައިވާކަން ޔަހުދީ ރެޖީމްގެ ފިނޭންސް މިނިސްޓަރު ބެޒަލީލް ސްމޮޓްރިޗް އިއުލާނު ކޮށްފިއެވެ.
ހޯމަ ދުވަހުގެ ރޭ ނިންމި މި ނިންމުމާ އެކު، 1997 ވަނަ އަހަރުވެފައިވާ ޚަލީލު މއާހަދާގެ މުހިންމު ބައިތަކެއް ސްމޮޓްރިޗް ވަނީ އުވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން ޚަލީލު ސިޓީގެ 'އެޗް-2′ ޒޯނުގައި ޕްލޭނިން އާއި ޒޯނިން އަދި އިމާރާތްކުރުމުގެ ބާރު އޮތީ ފަލަސްތީނުގެ މުނިސިޕަލް ކައުންސިލަށެވެ.
އިބްރާހީމީ މިސްކިތަކީ މުސްލިމުންނާއި ޔަހޫދީ ދީނާއި އަދި ކްރިސްޓިއަން ދީނުގެ މީހުން ވެސް އިހްތިރާމްކުރާ، އިބްރާހީމް (ޢަލައިހިއްސަލާމް) އާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުން ފަސްދާނުލެވިފައިވާ ތަނެކެވެ.
މިއީ 14 ވަނަ ގަރުނުގައި މުސްލިމުން ބިނާކުރި މިސްކިތެކެވެ. މި ސަރަހައްދުގައި ޔަހޫދީން ހަމަނުޖެހުންތައް ހިނގާފައިވެއެވެ.
1994 ވަނަ އަހަރު ޔަހޫދީ ހައްދުފަހަނައަޅާ ބަރޫޗް ގޯލްޑްސްޓައިން ވަނީ ފަތިސްނަމާދަށް ތިބި 29 މުސްލިމަކު ޝަހީދުކޮށްލާފައެވެ. މި ހާދިސާ އަކީ އެތަނުގެ ހިތްދަތި ތާރީޚުގެ ބައެކެވެ.
ޔަހޫދީންގެ މި ނިންމުމަކީ ހުޅަނގު އައްސޭރީގެ ހާލަތު އިތުރަށް ގޯސްކޮށްލާނެ "ވަރަށް ނުރައްކާތެރި" ހަރަކާތެއް ކަމަށް ފަލަސްޠީނުން އިންޒާރުދެއެވެ. އަދި ކައުންސިލް ފޯ އަރަބް-ބްރިޓިޝް އަންޑަސްޓޭންޑިންގގެ ޑިރެކްޓަރު ކްރިސް ޑޮއިލް އަލްޖަޒީރާއަށް ވިދާޅުވީ، ވެސްޓް ބޭންކުގެ އެންމެ ނުތަނަވަސްކަން ބޮޑު ސިޓީ ކަމުގައިވާ ޚަލީލުގައި މިފަދަ ބަދަލުތައް ގެނައުމަކީ އިސްރާއީލުގެ އިސްތިއުމާރު ކުރުން އިތުރަށް ވަރުގަދަ ކުރުމަށް ކުރާ ނުރައްކާތެރި ކަމެއް ކަމަށެވެ.
ސްމޮޓްރިޗްގެ މި ނިންމުމަކީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާއިރު، މި ނިންމުމަކީ 1990 ގެ އަހަރުތަކުން ފެށިގެން އޮތް ސުލްހައިގެ އެއްބަސްވުންތަކަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާއެއް ކަމަށް ވެސް ސިފަކުރެވެއެވެ.





