އެމެރިކާ-އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ސްޓޮކް ހުސްވުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް "ޑިފެންސް ޕްރޮޑަކްޝަން އެކްޓް" ދިފާއީ އުފެއްދުންތަކާ ބެހޭ ގާނޫނު ފުރަތަމަ ފަހަރަށް ތަންފީޒުކުރައްވައިފިއެވެ. މި ގާނޫނުގެ ދަށުން، ހަތިޔާރު އުފައްދާ އަމިއްލަ ކުންފުނިތަކަށް އަސްކަރީ ސާމާނު އުފެއްދުން ހަލުވިކުރުމަށް ރައީސް ޓްރަމްޕް ވަނީ މަޖުބޫރުކުރައްވާފައެވެ.
މިދިޔަ ހަފުތާގައި ސޮއިކުރެއްވި މި އަމުރުގައި ޓްރަމްޕް ވިދާޅުވީ، ދިފާއީ ސިނާއަތުގައި ހުރި ހުރަސްތަކާއި، ސަޕްލައި ޗޭންގެ ނާޒުކުކަމުގެ ސަބަބުން ގައުމީ ދިފާއީ ކަންކަމަށް ނުރައްކާ އޮތް ކަމަށެވެ.
އީރާނާ ދެކޮޅަށް ކުރި ހަނގުރާމައާއި، ޣައްޒާ އަދި ޔޫކްރެއިންގެ ހަނގުރާމައަށް އެމެރިކާއިން ދެމުންދާ އެހީތަކުގެ ސަބަބުން ޕެންޓަގަންގެ ހަތިޔާރު ގުދަން ވަނީ ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފައެވެ.
-
އެމެރިކާގެ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް ސެންޓަރުގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، ޕްރިސިޝަން ސްޓްރައިކް މިސައިލްގެ 45 އިންސައްތަ އަދި ޕެޓްރިއޮޓް އާއި ތާޑް މިސައިލްގެ 50 އިންސައްތަ ވަނީ ހަނގުރާމައިގައި ބޭނުންކޮށް ހުސްވެފައެވެ.
-
ހަނގުރާމައިގެ ފަހު ދެ ދުވަހު އެކަނި ވެސް 200 މިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވަނީ ބޭނުންކޮށްފައެވެ.
-
ހުސްވި ހަތިޔާރުތައް އަލުން އުފައްދައި ސްޓޮކް ފުރުމަށް މަދުވެގެން އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާކުރެއެވެ.
1950 ގެ އަހަރުތަކުން ފެށިގެން އަމަލުކުރަމުން އަންނަ މި ގާނޫނަކީ، ގައުމީ ސަލާމަތީ ކަންކަމުގައި ބޭނުންވާ ސާމާނު އުފެއްދުން އަވަސްކުރުމަށް ރައީސަށް ފުޅާ ދާއިރާއެއްގައި ބާރުތައް ލިބޭ ގާނޫނެކެވެ. މީގެ ދަށުން، ދިފާއީ ކުންފުނިތަކުން ސަރުކާރުގެ ކޮންޓްރެކްޓްތަކަށް އިސްކަންދޭން މަޖުބޫރުވެއެވެ.
ޕެންޓަގަންގެ ބައެއް އޮފިޝަލުން ހަތިޔާރުގެ ސްޓޮކް ނެތް ވާހަކައަށް ދެކޮޅު ހެއްދެވި ނަމަވެސް، ޓްރަމްޕްގެ މި ފިޔަވަޅުން ދައްކައިދެނީ ދިފާއީ ދާއިރާގައި އޮތް ކަންބޮޑުވުންތައް ބޮޑުކަމެވެ. މި މައްސަލާގައި ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ވެރިންނަށް އިންޒާރުދީ، އުފެއްދުންތައް އަވަސްކުރުމަށް ގޮވާލައްވާފައެވެ.






