އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ލިބޭ 300 ބިލިއަން ޑޮލަރުގެ ފަންޑު ބޭނުންކުރުމުގެ ފުރުސަތު އެ ގައުމުގެ ބަސްއެހުމާ ގުޅުވައި ޝަރުތުކުރައްވައިފިއެވެ. ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނުން ބަސްއަހައިގެން އުޅޭނަމަ، ފިޔަވަޅުތަކަށް ލުޔެއް ލިބުމުގެ ފުރުސަތު އޮތް ކަމަށާއި، ފަންޑުގެ ފައިސާ ހޯދުމުގެ ފުރުސަތު އީރާނަށް ލިބޭނީ އެމީހުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށެވެ.
އީރާނާއެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޓްރަމްޕް ވިދާޅުވީ، އިތުރު އެއްބަސްވުމަކަށް އަންނަ 60 ދުވަހުގެ މުއްދަތަކީ މާ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި އީރާނުން އެޓަމިކް ބޮމެއް ނުހަދާނެ ކަމަށާއި އެފަދަ އެއްޗެއް ހޯދުމުގެ ވިސްނުމެއްވެސް ނުގެންގުޅޭނެ ކަމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ހާމަކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން ކުރަންޖެހޭ ފަންނީ މަޝްވަރާތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި މުއާމަލާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވަނީ އިޒްރޭލުގެ ލީޑަރުން މި އެއްބަސްވުމާ މެދު މޭކަރާފައި ތިބިކަން ފާހަގަކުރައްވާފައެވެ. ހަމައެއާއެކު، އީރާނާ އެކު ކުރެވުނު މަޝްވަރާތަކުގައި ޕާކިސްތާނާއި ގަތަރުން އަދާކުރި ދައުރު ރައީސް ޓްރަމްޕް ފާހަގަކުރައްވައި އެ ދެ ގައުމަށް ތައުރީފު ކުރެއްވިއެވެ.



