އިނގިރޭސިވިލާތުގައި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި ޕާކިސްތާނުގެ ގޭންގުތަކުގެ މައްސަލައިގައި، އެކަން ކުރި ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށާއި ހަރުކަށި ފިޔަވަޅު އެޅުމަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާ އިލޮން މަސްކް ގޮވާލައިފިއެވެ. ރިސްޓޯރާ ބްރިޓަންގެ ލީޑަރު ރުޕާޓް ލޯވް އާންމުކުރި "ރޭޕް ގޭންގްސް ރިޕޯޓް" ގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ ގޭންގުތަކުން ފާއިތުވި އެތައް އަހަރެއް ވަންދެން އިނގިރޭސިވިލާތުގެ އެތައް ހާސް އަންހެން ކުދިންނަށް ޖިންސީ އަނިޔާކޮށްފައިވެއެވެ. މި ރިޕޯޓުގައިވާ ގޮތުން ގާތްގަނޑަކަށް 250،000 ކުދިންނަށް މި އަނިޔާތައް ލިބިފައިވެއެވެ.
"ނިއުރެމްބަރގް ޓްރައިަލްސް" އާއި މަސްކްގެ ތާއީދު
އެކްސް ގައި ހިނގި ބަހުސެއްގެ ތެރެއިން، މިކަމުގައި ޝާމިލުވާ އެންމެންނަށް މަރުގެ އަދަބު ދޭންޖެހޭނެ ކަމަށް ބުނެ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނާޒީންނާ ދެކޮޅަށް ހިންގި "ނިއުރެމްބަރގް ޓްރައިަލްސް" އާ އެއްގޮތަށް ޝަރީއަތް ހިންގަންޖެހޭނެ ކަމަށް ބުނުމުން، މަސްކް ވަނީ "އާނއެކޭ" ބުނެ އެކަމަށް ތާއީދުކޮށްފައެވެ.
މީގެ އިތުރުން، މިކަމުގައި ލޯ މަރާލައިގެން ތިބި އިނގިރޭސި ސިޔާސީ ފަރާތްތަކާއި އޮފިޝަލުން ވެސް ޖަލަށްލާންޖެހޭނެ ކަމަށް މަސްކް ވަނީ ބުނެފައެވެ. ރުޕާޓް ލޯވް ވެސް ވަނީ މިކަމުގައި އިހުމާލުވި އޮފިޝަލުންނާ ދެކޮޅަށް ދައުވާކުރުމަށް ގޮވާލާފައެވެ.
މި ރިޕޯޓުގައި އިނގިރޭސި ބޮޑުވަޒީރު ކީރް ސްޓާމާއަށް ވެސް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން، ސްޓާމާ ޑިރެކްޓަރ އޮފް ޕަބްލިކް ޕްރޮސެކިއުޝަންގެ މަގާމުގައި ހުންނެވި ދުވަސްވަރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ 13،000 މީހުނަށް ދައުވާކުރުމުގެ ބަދަލުގައި އެންމެ ލިޔުމަކުން އިންޒާރު ދީ ދޫކޮށްލި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އިލޮން މަސްކް އާއި ބޮޑުވަޒީރު ސްޓާމާއާ ދެމެދު މީގެ ކުރިން ވެސް ބަހުގެ ހަމަލާތައް ބަދަލުކުރުމުން ސްޓާމަރު ވަނީ މަސްކު އިނގިރޭސި ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އަންގާފައެވެ.




