35 އަހަރުގެ ޚިދުމަތަށްފަހު އެމެރިކާގެ ރިޔާސީ އުޅަނދު "އެއާ ފޯސް 1″ އަލްވަދާއު ކިޔައިފި

1990 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ރައީސުން އުފުލުމުގެ ޝަރަފުވެރި ޒިންމާ އަދާކުރަމުން އައި "ބޯއިންގ 747-200″ މަރުކާގެ ރިޔާސީ މަތިންދާބޯޓު، އެ ބޯޓުގެ ފަހު ދަތުރު ނިންމާލައިފިއެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު ވޮޝިންޓަން ކައިރިއަށް މި ބޯޓު ޖެއްސުމާއެކު، ވައިޓް ހައުސްގެ އިސް އޮފިޝަލުން ވަނީ މި އުޅަނދަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކޮށްފައެވެ.

ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓެފަން ޗިއުންގް އެކްސް ގައި ލިޔުއްވާފައިވަނީ، "ފަހު ދަތުރު… ވަރަށް މޮޅު ޚިދުމަތެއް ދީފި، ތިޔައީ ވަފާތެރި ޚާދިމެއް" ކަމަށެވެ. އަދި ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޑޭން ސްކަވިނޯ ވިދާޅުވީ، 5 އަހަރާއި ބައި ވަންދެން މި ބޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގެ ނަސީބު ލިބުނު ކަމަށާއި، މި ބޯޓުގެ 35 އަހަރުވީ ޚިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިހާރު އެމެރިކާގެ ރިޔާސީ އުދުހުންތަކަށް ތައްޔާރުކުރަނީ "ބޯއިންގ 747-800″ މަރުކާގެ ތިން ބޯޓެކެވެ. މި މަޝްރޫއުގެ ތެރެއިން، ގަތަރު ސަރުކާރުން ހަދިޔާކުރި މަތިންދާބޯޓެއް ވެސް ރިޔާސީ ޚާއްސަ އުޅަނދަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ބޯޓު މި ހޫނު މޫސުމުގައި ފެންނާނެ ކަމަށް ބެލެވޭއިރު، ޓްރަމްޕް އެންމެ ޚާއްސަކުރައްވާ ރަތް، ހުދު، ރަން، އަދި ގަދަ ނޫ ކުލަތަކުން މި ބޯޓު ފަރުމާކުރެވޭނެއެވެ.

މިހާރު ޚިދުމަތުން ވަކިކުރެވޭ ބޯޓުތަކަކީ 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ދުނިޔޭގެ އެކި ގައުމުތަކަށް ރައީސުން އުފުލި އުޅަނދުތަކެކެވެ.

އާ ބޯޓުތައް ފުރިހަމައަށް އޮޕަރޭޝަނަލް ވުމުން، މިހާރު ހުރި 35 އަހަރުވީ ބޯޓުތަކަށް ވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ވައިގެ ސިފައިން ބުނާ ގޮތުގައި، މި ބޯޓުތައް އަދިވެސް ވައިގެ އުޅަނދުތަކުގެ ތެރޭގައި ހިމެނޭނެއެވެ. އާ ބޯޓުތަކަކީ އެމެރިކާގެ މުސްތަގުބަލުގެ ރިޔާސީ އުދުހުންތަކަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށް ވައިގެ ސިފައިން މައުލޫމާތު ދެއެވެ.

ހިއްސާ ކުރައްވާ!