އީރާނާއި އެމެރިކާގެ މަޝްވަރާތައް ފަސްކުރީ ފަހުމުނާމާގެ ޝަރުތުތައް ތަންފީޛު ނުކުރުމާ ގުޅިގެން: އީރާން

ސުވިޒަލޭންޑުގައި މިއަދު ފަށަން ހަމަޖެހުނު އީރާނާއި އެމެރިކާގެ މަޝްވަރާތައް ފަސްކުރުމަށްފަހު، އެކަމުގެ ސަބަބުތައް އީރާނުން ހާމަކޮށްފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތައް ފުރިހަމަ ކުރުމަކީ މިހާރު ޤާއިމުކުރެވިފައިވާ ފަހުމުނާމާގައިވާ ޝަރުތުތައް ތަންފީޛުކުރުމާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ބަޤާއީ މިއަދު ނޫސްވެރިންނަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެ ރޭ ދެ ޤައުމުގެ ރައީސުން ޑިޖިޓަލްކޮށް ސޮއިކުރެއްވި މި ފަހުމުނާމާގެ ބައިތައް ތަންފީޛުކުރަން ފެށުމުން ނޫނީ، ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި ބާއްވާ މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ޑިޖިޓަލްކޮށް ސޮއިކޮށްފައި ވާތީ، ސުވިޒަލޭންޑުގައި މިއަދު ބާއްވަން އުޅުނު ބައްދަލުވުމުގެ ބޭނުންކަމެއް މިހާރު ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަހުމުނާމާގެ މައިގަނޑު ޝަރުތުތައް:

މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ޝަރުތެއްގެ ގޮތުން އީރާނުން ފާހަގަކުރަނީ މެމޮރަންޑަމްގެ 1، 4، 5، 10، އަދި 11 ވަނަ މާއްދާއެވެ:

  • 1 ވަނަ މާއްދާ: ލުބުނާން ހިމެނޭހެން ހަނގުރާމައިގެ ހުރިހާ މައިދާނެއްގައި ހަނގުރާމަ ހުއްޓާލުން.
  • 4 ވަނަ މާއްދާ: ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ކަނޑުމަގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް އުވާލުން.
  • 5 ވަނަ މާއްދާ: އޭގެ ބަދަލުގައި، 60 ދުވަހުގެ މުއްދަތަކަށް ވިޔަފާރީގެ އުޅަނދުތަކަށް ފީއަކާ ނުލައި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ އިންތިޒާމު އީރާނުން ހަމަޖެއްސުން.
  • 10 ވަނަ މާއްދާ: އީރާނުގެ ތެލާއި ޕެޓްރޯލިއަމް އުފެއްދުންތައް ބޭރުކުރުމަށް އެމެރިކާއިން ހުއްދަ ދިނުމާއި، އެކަމާ ގުޅޭ ބޭންކިން، އިންޝުއަރެންސް، އަދި ދަތުރުފަތުރުގެ ޚިދުމަތްތައް ހުޅުވާލުން.
  • 11 ވަނަ މާއްދާ: މެމޮރަންޑަމް ތަންފީޛުކުރުމާއެކު، ބޭރުގެ ބޭންކުތަކުގައި ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާއާއި މުދާ އެއްކޮށް ބޭނުންކުރުމުގެ ފުރުސަތު ދިނުން.

މީގެ އިތުރުން، ބައިނަލްއަޤްވާމީ އެޓޮމިކް އެނާޖީ އެޖެންސީ އަށް އީރާނުގެ ނިއުކްލިއަރ ބައެއް ސައިޓުތައް، ޚާއްޞަކޮށް ބޫޝެހެރް އިންސްޕެކްޓް ކުރުމުގެ ފުރުސަތު ދިނުމަކީ ކުރިއަށް އޮތް މަޝްވަރާތަކުގެ ތެރެއިން ނިންމާނެ ކަމެއް ކަމަށް ބަޤާއީ ވިދާޅުވިއެވެ.

މި ބަދަލުތައް އައިސްފައިވަނީ ލުބުނާނަށް އިސްރާއީލުން ދެމުންދާ ޙަމަލާތައް ވަރުގަދަކޮށް، ފާއިތުވި ގަޑިއިރުތަކުގައި 47 މީހުން މަރުވެ 100 މީހުން ޒަޚަމްވެފައިވާ ދަނޑިވަޅެއްގައެވެ. މަޝްވަރާތަކާ ގުޅޭ އިތުރު ތަފުސީލުތައް މެދުވެރިން މެދުވެރިކޮށް ކުރިއަށްދާ ކަމަށާއި، އެކަށީގެންވާ ޙާލަތެއް ޤާއިމުވުމުން އާންމުކުރާނެ ކަމަށް އީރާނުން ބުނެއެވެ.

ހިއްސާ ކުރައްވާ!