އީރާނުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ މެދު ޔޫރަޕުން ޚިލާފު ވެއްޖެ

އީރާނާ އެކު ނިއުކްލިއަރ އެއްބަސްވުމަކަށް އައުމަކީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް މަގުފަހިވާނެ ކަމެއް ކަމަށް ޔޫރަޕިއަން ޔޫނިއަން ގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޔާ ކަލާސް ވިދާޅުވެއްޖެއެވެ. ނަމަވެސް، މި ވަގުތަކީ އެ ފިޔަވަޅުތައް އުވާލަންވީ ވަގުތު ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކާޔާ ކަލާސް ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ މެދު މެމްބަރު ޤައުމުތަކުން މަޝްވަރާ ކުރާނީ އެކަމަށް އެކަށީގެންވާ ޙާލަތެއް އުފެދުމުން ކަމަށާއި، މިހާރު އެ ޙާލަތަށް ނުދާ ކަމަށެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވެސް ވަނީ، އީރާނުން "ޓެރަރިސްޓް ޖަމާޢަތްތަކަށް" ފައިސާ ދިނުން ނުހުއްޓާހާ ހިނދަކު ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ފަހުމުނާމާގައިވާ ޝަރުތުތައް

އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރެވުނު ފަހުމުނާގައިވާ ގޮތުން، ދެ ޤައުމުން ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މުހިންމުކަން ގަބޫލުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން:

  • ނިއުކްލިއަރ މަޝްވަރާތައް: 60 ދުވަހުގެ މުއްދަތަކަށް މަޝްވަރާތައް ކުރިއަށް ގެންދިއުން.
  • ތެޔޮ އެކްސްޕޯޓްކުރުން: މި 60 ދުވަހުގެ ތެރޭގައި ތެޔޮ ވިއްކުމުގެ ހުއްދަ އީރާނަށް ދިނުމަށްޓަކައި ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތީ ގޮތުން މަޑުޖައްސާލުން.
  • އެންމެ ފަހުގެ އެއްބަސްވުން: ނިއުކްލިއަރ ފައިނަލް އެއްބަސްވުމެއް ސޮއިކޮށްފި ނަމަ، އދ. ގެ ސަލާމަތީ މަޖިލީހާއި، އައިއޭއީއޭ  އަދި އެމެރިކާގެ އެއްފަރާތީ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް އުވާލުން.

މި މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، އެމެރިކާއިން އަންނަނީ އީރާނުގެ ތެޔޮ ސްމަގްލް ކުރާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ޔޫރަޕިއަން ޔޫނިއަނުން ވެސް އަންނަނީ ކަނޑުމަތީގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ އީރާނުގެ ބައެއް ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.

ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، އީރާނުގެ ފްރީޒްކޮށްފައިވާ ފައިސާތައް ދޫކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމަކީ އީރާނުގެ "އަމަލުތަކާ" ގުޅިފައިވާ ކަމެކެވެ. އީރާނުން އަންނަނީ އެ ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މި ފިޔަވަޅުތައް އަވަހަށް އުވާލުމަށް ބާރުއަޅަމުންނެވެ.

ހިއްސާ ކުރައްވާ!