އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ޚަރަދުތައް ފޫބެއްދުމަށް 80 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ޕެންޓަގަންއިން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އަންގައިފިއެވެ. ޑިފެންސް މިނިސްޓްރީގެ ނައިބު ސްޓެފަން ފައިންބާގް އާ ހަވާލާދީ "ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓުކުރާ ގޮތުގައި، މި ފައިސާ ބޭނުންވަނީ އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރުމަށާއި، ސިފައިންގެ މުސާރައަށާއި، އަދި ހަނގުރާމައިގެ ބޭނުންތަކަށް ބޭނުންވާ ގޮވާތަކެތި ގަތުމަށެވެ.
ފެބްރުއަރީ 28 ގައި ފެށި މި ހަނގުރާމައިގެ ޚަރަދުތައް އިތުރުވަމުންދާތީ، އެމެރިކާގެ ސިފައިންގެ ގުދަންތަކުން ބޭނުންވާ މުހިންމު ހަތިޔާރުތައް ހުސްވަމުންދާކަމުގެ އިންޒާރު އަސްކަރީ ކޮމާންޑަރުން ވަނީ ދީފައެވެ. އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތް މި ހަފުތާގައި ރިޕަބްލިކަން ޕާޓީގެ އިސް މެމްބަރުންނާ ބައްދަލުކުރައްވައި މިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މެއި މަހުގެ މެދުތެރޭގައި ޕެންޓަގަންއިން އަންދާޒާކުރި ގޮތުގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް 29 ބިލިއަން ޑޮލަރު ހޭދަވާނެއެވެ. ނަމަވެސް، ވެނަޒުއޭލާގައި ހިންގި އޮޕަރޭޝަންތަކާއި، ކެރީބިއަން ކަނޑުގައި މަސްތުވާތަކެތި ސްމަގްލް ކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ޚަރަދުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
މި ފައިސާ ހޯދުމަށް ޓްރަމްޕްގެ އިދާރާއިން މަސައްކަތް ފެށުމާއެކު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ވަނީ ހޫނު ބަހުސްތަކެއް ފެށިފައެވެ. ގިނަ މެމްބަރުން ވަނީ، ހަނގުރާމައަށް ރުހުން ދިނުމުގެ ކުރިން އެކަމަށް ރަސްމީކޮށް ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބުނެފައެވެ.
"ސެނެޓުގައި މި ފައިސާ ފާސްކުރަން ބޭނުންވާ 60 ވޯޓު ނުލިބޭނެ،" ޑިމޮކްރެޓިކް ސެނެޓަރު ކްރިސް މާފީ ވިދާޅުވިއެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ރިޕަބްލިކަން ޕާޓީއަށް އޮތީ ވަރަށް ކުޑަ އަޣުލަބިއްޔަތެއް ކަމުން، މި ބިލް ފާސްކުރުމަށްޓަކައި ޑިމޮކްރެޓުންގެ އެހީތެރިކަން ހޯދުމަކީ ޓްރަމްޕްގެ ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.





