އިޓަލީގެ ބޮޑުވަޒީރަށް ޓްރަމްޕް ފުރައްސާރަކުރުމުން، ޚާރިޖީ ވަޒީރު އެމެރިކާއަށް ކުރައްވަން އުޅުނު ދަތުރުފުޅު ކެންސަލްކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީއާ މެދު ބޭނުންކުރެއްވި "ހުތުރު" ބަސްތަކާ ގުޅިގެން، އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޔާނީ އެމެރިކާއަށް ކުރައްވަން ހަމަޖެހުނު ރަސްމީ ދަތުރުފުޅު ކެންސަލްކުރައްވައިފިއެވެ. ޖޫން 21 އަދި 22 ގައި ކުރައްވަން އުޅުނު މި ދަތުރުފުޅު ކެންސަލްކުރެއްވީ، ޓްރަމްޕްގެ ވާހަކަތަކަކީ މުޅި އިޓަލީގެ ރައްޔިތުންނަށް ލިބުނު ފުރައްސާރައެއް ކަމަށް ދެކިގެންނެވެ.

ފްރާންސްގައި ބޭއްވި ޖީ-7 ސަމިޓުގެ ހަވާސާގައި، މެލޯނީ އޭނާއާ އެކު ފޮޓޯއެއް ނަގަން "ތަކުރާރުކޮށް އާދޭސްކުރި" ކަމަށާއި، ފޮޓޯއެއް ނަގައިދިނީ އޭނާ މެދު "ހަމްދަރުދީ" އުފެދިގެން ކަމަށް ޓްރަމްޕް އިޓަލީގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން މެލޯނީ ވިދާޅުވީ، ޓްރަމްޕްގެ މި ވާހަކަތަކަކީ "މުޅިން ހަދަހަދައިގެން" ދައްކާފައިވާ ބުހުތާން ދޮގު ވާހަކަތަކެއް ކަމަށެވެ. "އަޅުގަނޑު ވެސް އަދި އިޓަލީ ވެސް އެއްވެސް މީހެއްގެ ކުރިމަތީގައި އާދޭހެއް ނުކުރަން،" މެލޯނީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާގެ ރައީސް އެމެރިކާގެ ހަތުރުންނާ މެދު ބަހައްޓާ މަޑުމައިތިރިކަން، ގާތް ބައިވެރިންނާ މެދު ނުބަހައްޓަވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

ކުރިން ޓްރަމްޕަށް ބޮޑު ތާއީދެއް ކުރެއްވި މެލޯނީއާއި ޓްރަމްޕްގެ ގުޅުން މިހާރު މިވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ޕޯޕް ލިއޯ 14 ވަނަ ކުރެއްވި ކުށްވެރިކުރުންތަކާ ގުޅިގެން ޓްރަމްޕް ޕޯޕަށް ހަމަލާ ދެއްވުމުން، މެލޯނީ އެކަން ކުށްވެރިކުރެއްވިއެވެ. އެއާއެކު، މެލޯނީއަކީ ހިތްވަރު ނެތް ލީޑަރެއް ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.

ފާއިތުވި ދުވަސްތަކުގައި ދެ ލީޑަރުންގެ ގުޅުން ރަނގަޅުވާ ކަމުގެ ނިޝާންތައް ފެނުނު ނަމަވެސް، ޓްރަމްޕްގެ މި ފަހުގެ ވާހަކަތަކާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން މިވަނީ ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ހިއްސާ ކުރައްވާ!