އދ. ގެ މައި މަރުކަޒުގައި ބޭއްވި އާންމު ބައްދަލުވުމެއްގައި، އިޒްރޭލުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑެނީ ޑަނޮން އދ. ގެ އިސް އޮފިޝަލުންނަށް ހުތުރުބަހުން މުޚާތަބުކޮށް އަވަގުރާނަ ގޮވައިފިއެވެ. ޑަނޮން އަކީ އަގަލު ކުޑަކަމަށް އދގައި ނަންވެފައިވާ ސަފީރެކެވެ.
މި ހާދިސާ ހިނގާފައިވަނީ ޣައްޒާގައި ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމުން ހިންގާ ނަސްލު ނައްތާލުމުގެ ޖެނޮސައިޑާ ގުޅިގެން އދ. އިން އިޒްރޭލުގެ އަމަލުތަކަށް ފާރަވެރިވަމުން ދާތީ، އެކަމާ މެދު ހިތްހަމަނުޖެހިގެން އިޒްރޭލުން އދއަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
މި އަރައިރުން ފެށުނީ ފަލަސްޠީނުގެ ޖެނޮސައިޑްގެ ތެރޭގައި ޖިންސީ އަނިޔާ ހުއްޓުވުމާ ބެހޭ ބައިނަލްއަގްވާމީ ދުވަހާ ގުޅުވައިގެން ބޭއްވި ބައްދަލުވުމެއްގައި، އދ. ގެ ހާއްސަ މަންދޫބު ޕްރަމިލާ ޕާޓެން މަގާމުން އިސްތިއުފާ ދެއްވުމަށް ޑަނޮން ގޮވާލުވުމުންނެވެ. ޕަޓެން އެކުލަވާލެއްވި ރިޕޯޓުގައި ޔަހޫދީ ރެޖީމުން ހިންގާ ޖިންސީ އަނިޔާތަކުގެ ވާހަކަ ތަފްސީލުކޮށްދީފައި ވެއެވެ. އަދި އެ ތަފްސީލުތަކާއި ރިޕޯޓްގެ ސައްޙަކަމުން، ޖެނޮސައިޑް ރެޖީމް ވަނީ އދ. ގެ ކަޅު ލިސްޓެއްގައި ހިމަނާފައެވެ. މި ތުހުމަތުތަކާ ގުޅިގެން ޑަނޮން ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި އެ ޖަމިއްޔާގެ އޮފިޝަލުންނަށް ވެސް ހުތުރު ބަހުން މުޚާތަބުކޮށް ފައެވެ.

މި މައްސަލައިގައި ވާހަކަ ދައްވަމުން ކުޑަކުދިންނާއި ހަނގުރާމައިގެ މައްސަލަތަކާ އދ. ގެ ބެހޭ މަންދޫބު ވެނެސާ ފްރޭޒިއާ ވަނީ، ޑަނޮންގެ ވާހަކަތަކަކީ އދގެ އޮފިޝަލުންނަށް އަމާޒުކުރި ޒާތީ ހަމަލާތަކެއް ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ. އެއާއެކު ޑަނޮން ވަނީ ފްރޭޒިއާއަށް ހަނު ހުންނެވުމަށް އަންގަވައި، ތިޔައީ އދ. ގެ މުވައްޒަފެއް ކަމަށާއި ތިޔަ ލިސްޓަކީ ލަދުވެތި ލިސްޓެއް ކަމަށް ބުނެފައެވެ. އަދި އެ ބައްދަލުވުމުން އދގެ މަސްއޫލުވެރިޔާ ނިކުމެ ވަޑައިގަތުމަށް ވެސް އޭނާ އެންގިއެވެ.
މި ހާދިސާއަކީ ފަލަސްޠީނުގެ ޖެނޮސައިޑްގައި އިޒްރޭލުން ހިންގާ އަމަލުތަކާ ގުޅޭގޮތުން އދ. އިން ނެރެމުންދާ ރިޕޯޓުތަކާ މެދު އިޒްރޭލުން ހިތްހަމަނުޖެހި، އެ ގައުމުގެ ރުޅިވެރިކަން އިންތިހާއަށް ގޮސްފައިވާކަމުގެ ހެއްކެކެވެ.
އިސްރާއީލުން އަގްސާ ޠޫފާނަށް ފަހު ހިންގަން ފެށި ޖެނޮސައިޑުން މިހާރު ވަނީ މުޅި ދުނިޔެއިން އެކަހެރިވެ ޒަޔަނިސްޓުންގެ ހަގީގަތް ދުނިޔެއަށް ބޭޒާރު ވެފައެވެ.
ކުޑަކުދިންނާއި ހަނގުރާމައިގެ މައްސަލަތަކާ އދ. ގެ ބެހޭ މަންދޫބު ފްރޭޒިއާގެ ރިޕޯޓުގައި ވެސް ޔަހޫދީ ސެޓްލަރުންގެ ގްރޫޕްތަކުން ފަލަސްޠީނުގެ ކުޑަކުދިންނަށް ހުޅަނގު އައްސޭރީގައި ދޭ އަނިޔާތަކުގެ ވާހަކަ ހިމަނާފައި ވެއެވެ. އަދި އެވާހަކަތަކުގެ ސަބަބުން ސެޓްލަރުންވެސް ކަޅު ލިސްޓަކަށް ހިމެނިދާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.
މެދުއިރުމަތީގައި އެމެރިކާގެ ޕްރޮކްސީއެއް ގޮތަށް ނުލަފާ އަރުވައި ފިތުނަ އުފައްދާ ޔަހޫދީ ރެޖީމަކީ އދން ނެރޭ ރިޕޯޓްތައް ބަލައި ގަތުމަށް ދެކޮޅު ހަދާ އދގެ ގަރާރުތަކަށް ބޯލަނބާ ނުލާ ގައުމެވެ.






