އިންޑިއާގެ އެކި ސްޓޭޓްތަކަށް ކުޑަ ކުދިން ވަގަށް ނަގައި އެ ކުދިން ވިއްކަމުންދިޔަ ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑު ނެޓްވޯކެއް ނިއު ދިއްލީގެ ފުލުހުން ހޯދައި، އެ މައްސަލައިގައި 13 މީހަކު ހައްޔަރުކޮށްފިއެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 30 އަށް ވުރެ ގިނަ ތުއްތު ކުދިން މި ގްރޫޕުން އެކި ސަރަހައްދުތަކަށް ވިއްކާފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. މި މައްސަލައިގެ ތެރެއިން މިހާތަނަށް 5 ތުއްތު ކުއްޖަކު ވަނީ ސަލާމަތްކޮށްފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ގްރޫޕުން ކުދިން ހޯދަނީ ރާޖަސްތާނާއި ގުޖުރާތު ފަދަ ސްޓޭޓްތަކުގެ ފަގީރު އަދި ނިކަމެތި އާއިލާތަކުން ވަރަށް ކުޑަ އަގަކަށެވެ. އެގޮތުން 10 ހާހާއި 20 ހާހާ ދެމެދުގެ ރުޕީސްއަށް އާއިލާތަކުން ކުދިން ގަނެ، އޮޅުވާލައިގެން ހަދާފައިވާ ލިޔެކިޔުންތަކާއެކު ދިއްލީއާއި ހަރިޔާނާ ފަދަ ސަރަހައްދުތަކުގެ ދަރިންނެތް ދެމަފިރިންނަށް 6 ލައްކައާއި މިލިއަނަކާ ދެމެދުގެ އަގުތަކެއްގައި ކުދިން ވަނީ ވިއްކާފައެވެ. މި ނެޓްވޯކް ހިންގުމުގައި އަމިއްލަ ހޮސްޕިޓަލެއްގެ ވެރިޔަކާއި، ލެބް ޓެކްނީޝަނުންނާއި، މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.
މި ޖަރީމާ ބޭޒާރުވީ މި މަހުގެ ކުރީކޮޅު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އުފަންވިތާ ހަތަރު ދުވަސްވީ ކުއްޖަކު ވިއްކަން އުޅުނު ބަޔަކު އަތުލައިގަތުމާ ގުޅިގެންނެވެ. އެއަށްފަހު ފުލުހުން ފުޅާދާއިރާއެއްގައި ހިންގި ރޭޑްތަކުން މި ނެޓްވޯކުގެ މުގުލުގައި ހުރި މީހާ ވެސް މިހާރު ވަނީ ގުޖުރާތުން ހައްޔަރުކޮށްފައެވެ. ސަލާމަތްކުރެވުނު ކުދިން މިހާރު ވަނީ ކުޑަކުދިންގެ ރައްކާތެރިކަމާ ބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން އަންނަނީ މިހާތަނަށް ވިއްކާލާފައިވާ އެހެން ކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.





