އީރާނާއި އެމެރިކާގެ އެއްބަސްވުމަށްފަހު: ސަރަހައްދީ އައު ނިޒާމާ ބެހޭ ގޮތުން އީރާނުގެ ވިސްނުން

ސައުދީ އަރަބިއާގައި ހުންނަވާ އީރާނުގެ ސަފީރު އަލީ ރިޒާ އިނާޔަތީ، ވަނީ ފަހުމުނާމާއަށް ފަހު އުފެދިގެންދާ މާހައުލުގައި އީރާނުން ސަރަހައްދުގެ ކުރި މަގާމެދު ވިސްނާ ގޮތް ސާފުކޮށް ދެއްވާފައެވެ.

އަރަބް ނިއުސްގައި ލިޔުއްވި އޮޕްއެޑެއްގައި އީރާނާއި އެމެރިކާއާ ދެމެދު 14 މާއްދާގެ މައްޗަށް އެކުލެވޭ ހަނގުރާމަ ހުއްޓާލުމުގެ ފަހުމުނާމާއަށް ފަހު އީރާނުގެ ވިސްނުން ހުރި ގޮތް ސާފުކޮށްދެއްވިއެވެ. މި ލިޔުމުގައި އޭނާ ފާހަގަކުރައްވާފައިވަނީ، އެމެރިކާއާއިއި އިސްރާއީލުގެ ހަނގުރާމައަކީ ހަމައެކަނި އަސްކަރީ ކާރިސާއެއް ނިމުމަކަށް އައުން ނޫން ކަމަށާއި، މިއީ ސަރަހައްދީ ސަލާމަތީ ނިޒާމު އަލުން ބައްޓަންކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

ސަފީރު އިނާޔަތީ ސަރަހައްދީ އައު ނިޒާމެއްގެ މައިގަނޑު 4 އަސާސެއް ހުށަހަޅުއްވާފައިވެއެވެ.

  1. ސަރަހައްދުގެ ގައުމުތައް ބައިބައިވެގެން ތިބުމުގެ ބަދަލުގައި، ސަރަހައްދުގެ 8 ގައުމުގެ މެދުގައި ހަމަހަމަކަމާއި ގުޅިގެން މަސައްކަތްކުރާ ނިޒާމެއް އުފެއްދުން. މި ނިޒާމުގައި ބޭރުގެ ބާރުތަކުގެ ސީދާ ނުފޫޒެއް ނު ބޭއްވުން

  2. ހަމައެކަނި ހަނގުރާމަ ހުއްޓުމަކުން ނުފުދޭ ކަމަށާއި، ދާއިމީ ހަމަޖެހުމަށްޓަކައި ސަރަހައްދުގެ އެހެނިހެން މައްސަލަތައް ހައްލުކޮށް، އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން

  3. ސަރަހައްދުގެ ގައުމުތަކުގެ ގުޅުންތައް ހަމައެކަނި ޖިއޮޕޮލިޓިކަލް ނަޒަރަކުން ބެލުމުގެ ބަދަލުގައި، ވިޔަފާރިއާއި އިގްތިސާދީ ކުރިއެރުމަށް އިސްކަންދީ، ތަރައްގީގެ މަޝްރޫއުތައް ސަލާމަތީ ސިޔާސަތުތަކުގެ ތެރެއަށް ވެއްދުން.

  4. އެއް ގައުމެއްގެ ހަމަޖެހުން އަނެއް ގައުމަކަށް ބަރޯސާވެފައިވާތީ، މުޅި ސަރަހައްދުގެ ސަލާމަތާއި ތަރައްގީއަކީ އެންމެން ގުޅިގެން ރައްކާތެރިކުރަންޖެހޭ އެއްޗެއް ކަމަށް ބެލުން.

މީގެ އިތުރުން، އިޒްރޭލަކީ "ކޮލޮނިއަލް ޕްރޮޖެކްޓެއް" ކަމަށާއި، ސަރަހައްދީ ސަލާމަތީ މަސްރަހުގައި އިޒްރޭލަށް އެއްވެސް ޖާގައެއް ނެތް ކަމަށް ސަފީރު ވަނީ ހަރުކަށި އިބާރާތުން ސާފުކޮށް ދެއްވާފައެވެ.

އޭނާގެ ލިޔުން ނިންމަވާލައްވަމުން، އީރާނުން އޭގެ އަވަށްޓެރި ގައުމުތަކާއެކު، ޚާއްސަކޮށް ސައުދީ އަރަބިއާއާއެކު، އިގްތިސާދީ ގޮތުން ކުރިއަރާފައިވާ މުސްތަގުބަލެއް ބިނާކުރުމަށް އެއްބާރުލުން ދޭން އީރާނުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައިވެއެވެ.

ހިއްސާ ކުރައްވާ!