އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީއަށް އަމާޒުކުރައްވައި އަނެއްކާވެސް ފާޑުކިއުންތައް ވަރުގަދަކުރައްވައިފިއެވެ. ޓްރަމްޕް ތުހުމަތުކުރެއްވި ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަންތަކަށް އެއްބާރުލުން ދިނުމަށް މެލޯނީ ވަނީ ނުކުޅެދިފައެވެ.
"އިޓަލީގެ ވައިގެ ބަނދަރުތައް ނުވަތަ ރަންވޭތައް ބޭނުންކުރުމުގެ ފުރުސަތު ވެސް އޭނާ އަޅުގަނޑުމެންނަށް ނުދެއްވި. މިއީ ލޮޖިސްޓިކަލް ގޮތުން ކުރިމަތިވި ވަރަށް ބޮޑު ދައްޗެއް،" ޓްރަމްޕް އޭނާގެ އިޖުތިމާއީ މަންސަ 'ޓްރޫތް ސޯޝަލް' ގައި ލިޔުއްވައެވެ. އެމެރިކާއިން ގައުމުތަކުގެ ސަލާމަތަށްޓަކައި "ސަތޭކަ ބިލިއަން ޑޮލަރު" ހޭދަކުރަމުންދާ ކަމަށާއި، އެހެންނަމަވެސް އިޓަލީން އެމެރިކާއަށް "ފުރަގަސް ދިނީ" ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، ފްރާންސްގައި ބޭއްވި ޖީ7 ސަމިޓުގެ ތެރޭގައި، އިޓަލީގައި އޭނާގެ މަގުބޫލުކަން އިތުރުކުރުމަށާއި ގުޅުންތައް ރަނގަޅުކުރުމަށްޓަކައި މެލޯނީ ތަކުރާރުކޮށް ޓްރަމްޕާއެކު ފޮޓޯއެއް ނަގަން އެދިވަޑައިގެންނެވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. "ނޫން، ޝުކުރިއްޔާ،" މިފަދައިން ލިޔުއްވައި ޓްރަމްޕް ވަނީ މެލޯނީއަށް މަލާމާތް ކުރައްވާފައެވެ.
ޓްރަމްޕްގެ މި ތުހުމަތުތައް މެލޯނީ ވަނީ ހަރުކަށި އިބާރާތުން ދޮގުކުރައްވާފައެވެ. "މިއީ މުޅިން ހަދަހަދައިގެން ދައްކާފައިވާ ވާހަކަތަކެއް،" މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި މެލޯނީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޓްރަމްޕްގެ މި ވާހަކަތަކުން އޭނާ ހައިރާންވެ އަންތަރީސްވެ ވަޑައިގެންފައިވާ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މި ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވަނީ، އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ އެމެރިކާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރެއްވުމުންނެވެ. އެމެރިކާގެ ރައީސްގެ މި ވާހަކަތަކަކީ "ސީރިއަސް އަދި ފުރައްސާރައިގެ ބަސްތަކެއް" ކަމަށް ސިފަކުރައްވަމުން، އިޓަލީން ވަނީ މި މައްސަލައިގައި ނުރުހުން ފާޅުކޮށްފައެވެ.





