10 މިލިއަން ޑޮލަރުގެ ގެއްލުން: ވައިގެ ތެރޭގައި ތެޔޮ އެޅުމުގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާ

2025 ވަނަ އަހަރުގެ ޖުލައި މަހު، އެޓްލާންޓިކް ކަނޑުގެ މަތިން އާދައިގެ ތަމްރީނު ދަތުރެއްގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ "ކޭސީ-46އޭ ޕެގަސަސް" މަރުކާގެ ތެޔޮ އުފުލާ ބޯޓަކަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. މި ހާދިސާގައި އެ ބޯޓުގެ ތެޔޮ އަޅާ ހޮޅި ނުވަތަ، ބޫމް މުޅިން ވަކިވެ ކަނޑަށް ވެއްޓިފައިވާއިރު، ލިބުނު ގެއްލުމުގެ އަގު 10 މިލިއަން ޑޮލަރާ ގާތްކުރެއެވެ.

އެމެރިކާގެ ވައިގެ ސިފައިންގެ ތަހުގީގުތަކުން ދައްކާ ގޮތުގައި، މި ހާދިސާ ހިނގީ ވާޖީނިއާ އައްސޭރިފަށުގެ މަތިން، ތެޔޮ އުފުލާ ބޯޓާއި "އެފް-22އޭ ރެޕްޓަރ" މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ގުޅެން އުޅުމުގެ ތެރޭގައެވެ. ވައިގެ ތެރޭގައި ތެޔޮ އެޅުމަކީ ވަރަށް ފުރިހަމަ ކޯޑިނޭޝަނެއް ބޭނުންވާ، ނުރައްކާތެރި އަދި އެހާމެ އުނދަގޫ މަސައްކަތެކެވެ.

މި ހާދިސާގައި ތެޔޮ އަޅާ ބޯޓުގެ ފަހަތުގައި ހަނގުރާމަމަތީ މަތިންދާބޯޓު ރަނގަޅު މަގާމެއްގައި ހިފެހެއްޓުމަށް ޕައިލެޓަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. މިކަން ހައްލުކުރަން ތެޔޮ އަޅާ ހޮޅި ކޮންޓްރޯލް ކުރާ ފަރާތުން މަސައްކަތްކުރަމުން ދަނިކޮށް، ހަނގުރާމަމަތީ މަތިންދާބޯޓު ބޭނުންވާ މިންވަރަށްވުރެ ބާރަށް ކުރިއަށް ޖެހުމުގެ ސަބަބުން ހޮޅިއަށް ބޮޑެތި ބާރުތަކެއް ކުރިމަތިވިއެވެ.

ބާރުގަދަވުމުގެ ސަބަބުން ހޮޅީގެ ކޮޅު ހަނގުރާމަމަތީ މަތިންދާބޯޓުގެ ތެޔޮ އަޅާ ވޮލްވްގައި ތާށިވިއެވެ. އަދި ވަކިވާން އުޅުމުގެ ތެރޭގައި ހޮޅި އޭގެ ބުޑުން ލުހިގެން ގޮސް، ތެޔޮ އުފުލާ ބޯޓުގެ ފަހަތު ބަޔަށް ޖެހި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ތަހުގީގުން ދައްކާ ގޮތުގައި، މިއީ ފަންނީ މައްސަލައަކަށްވުރެ ބޮޑަށް މހެއްގެ އިހުމާލުން ހިނގި ހާދިސާއެކެވެ. ތެޔޮ އަޅާ ހޮޅި ކޮންޓްރޯލް ކުރި ފަރާތާއި، ހަނގުރާމަމަތީ މަތިންދާބޯޓުގެ ޕައިލެޓަށް ވެސް މިކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަށް ރިޕޯޓުގައިވެއެވެ.

ނަސީބު ރަނގަޅުކަމުން، މި ހާދިސާގައި ދެ މަތިންދާބޯޓުގެ ފަޅުވެރިންނަށް ވެސް އެއްވެސް ގެއްލުމެއް ނުލިބި، ދެ ބޯޓަށް ވެސް ރައްކާތެރިކަމާއެކު ބިމަށް ތިރިކުރެވުނެވެ. މި ކަން މީޑިއާއިން ރިޕޯޓު ކުރީ މިއަދުއެވެ.

ހިއްސާ ކުރައްވާ!