ވެނެޒުއެލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް، އެމެރިކާއާއެކު ޤާއިމުކޮށްފައިވާ ހަކަތައިގެ އެއްބަސްވުން 25 އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށް ހޮނިހިރު ދުވަހުގެރޭ ވިދާޅުވެއްޖެއެވެ. އެކަމަނާ މިކަން ހާމަކުރެއްވީ ޤައުމުގެ އިޤްތިޞާދު އާރާސްތުކޮށް، ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް އެމެރިކާއާއެކު އެކުލަވައިލި ތާރީޚީ އެއްބަސްވުމަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
މި އެއްބަސްވުމުގެ ދަށުން ޤައުމުގެ ތެޔޮ އުފައްދާ މިންވަރު ދުވާލަކު 1.5 މިލިއަން ފީފާއަށް އިތުރުކުރުމަށް އަމާޒުހިފާފައިވާ ކަމަށް ރޮޑްރިގޭޒް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ވެނެޒުއެލާގެ ސިޔާދަތާއި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްދޭނެ ކަމަށް ފާހަގަކުރެއްވިއެވެ. މީގެ ކުރިން، އެމެރިކާގެ ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ މުއްދަތަކީ 100 އަހަރެވެ. ނަމަވެސް އެކަމަނާ ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމާއި ތެލުގެ 17 ސަރަހައްދެއް ތަރައްޤީކުރެވޭނެ ކަމަށް ވަގުތީ ސަރުކާރުން ބުނެއެވެ. މީގެ ސަބަބުން 65 ބިލިއަން ފީފާގެ ތެލުގެ ރިޒާވާއި، އެއްސަތޭކަ ބިލިއަން ޑޮލަރަށް ވުރެން ބޮޑު އިންވެސްޓްމަންޓެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި ދައުލަތުގެ ޓެކުހުގެ އާމްދަނީގެ ގޮތުގައި 209 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ނަމަވެސް، މި އެއްބަސްވުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކާއި ބައެއް މާހިރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ. ކުރީގެ ވަޒީރު ރިކާޑޯ ހައުސެމ،ް ވިދާޅުވީ މިފަދަ ބޮޑު އެއްބަސްވުމެއް އެކުލަވައިލުމުގެ ޤާނޫނީ ހައިސިއްޔަތު ވަގުތީ ސަރުކާރަށް ލިބިގެންނުވާ ކަމަށެވެ. އަދި މިއީ ޤައުމުގެ ޤާނޫނުއަސާސީއާ ޚިލާފު، ރައްޔިތުންގެ މަސްލަހަތަށް ފުށުއަރާ ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ދުނިޔޭގައި އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ފެންޒުއޭލާގައި މިހާރު ވެސް 303 ބިލިއަން ފީފާގެ ތެޔޮ ހުރިއިރު، އެމެރިކާގެ ބައެއް ބޮޑެތި ކުންފުނިތަކުން މި ސަރަހައްދުގައި އަލުން އިންވެސްޓްކުރުމަށް ދަނީ މަޝްވަރާކުރަމުންނެވެ. އެހެންނަމަވެސް، ޤާނޫނީ އަދި ސަލާމަތީ ގޮތުން ހުރި ގޮންޖެހުންތަކާ ހުރެ ބައެއް ކުންފުނިތައް އަދިވެސް ތިބީ އިންވެސްޓްކުރުމުގައި ފަސްޖެހިފައެވެ. ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާއިން ކިޑްނެޕް ކުރުމަށް ފަހު ވެނެޒުއޭލާގެ ސިޔާސީ މަސްރަޙު ބަދަލުވަމުންދާ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނަޒަރު ހުއްޓިފައިވަނީ މި އެއްބަސްވުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާނެ ގޮތަކަށެވެ.

