އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން ދެ ގަވާއިދެއް ނެރެ ޢަމަލުކުރަން ފަށައިފި

ޤާނޫނު ނަންބަރު 2025/13 (އިންޝުއަރެންސްއާބެހޭ ޤާނޫނު) ތަންފީޛުކޮށް ހިންގުމަށް ބޭނުންވާ ދެ ގަވާއިދު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ. މި ގަވައިދުތައް ޝާއިޢުކޮށްފައި ވަނީ 27 އޮގަސްޓް 2026 ގައެވެ.

މި ގަވާއިދުތަކަކީ:
1- އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު
މި ގަވާއިދަކީ ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ރިސްކުތައް ކަނޑައެޅުމަށާއި އެފަދަ ރިސްކެއް ކަވަރކުރުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގާ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާންކުރުމުގެ ގަވާއިދެވެ. މިގޮތުން، އޮތޯރިޓީގެ ވެބްސައިޓްގައި ބަޔާންކުރާނެ ހާލަތްތަކުގެ އިތުރުން، އިސްތިސްނާ ހޯދުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައްވެސް ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ.
2- އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު
މި ގަވާއިދަކީ އިންޝުއަރެންސްއާބަހޭ ޤާނޫނުގައި، ގަވާއިދާއެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަށް ނުވަތަ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކުގެ ބޭނުމަށް އެކުލަވާލާފައިވާ ގަވާއިދެެކެވެ. މިގޮތުން، މި ގަވާއިދުގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ޤާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ބްރޯކަރކަމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މަޢުލޫމާތާއި، އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނޭނެ އެވެ.

ޚަބަރު: އެމްއެމްއޭ

ހިއްސާ ކުރައްވާ!