ރާއްޖެއަށް ތެޔޮ ގެންނަން ހޭދަކުރާ މިންވަރު 73 ޕަސެންޓަށް އިތުރު ވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭ އިން ޢާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން، މިއަހަރުގެ ފުރަތަމަ ބައިގައި ތެލުގެ ބާވަތްތައް އިމްޕޯޓުކުރުމަށް ހިނގި ޚަރަދު ނިމުނު އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 73.7 އިންސައްތައަށް އިތުރުވެއްޖެއެވެ. މިއީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސް ވުމުގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ދިމާވި އިތުރުވުމެއް ކަމެއް ކަމަށް ފާހަގަކުރެވެއެވެ.

  • މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޕެޓްރޯލިއަމް އުފެއްދުންތައް ގެނައުމަށް 683.2 މިލިއަން ޑޮލަރު (10.5 ބިލިއަން ރުފިޔާ) ވަނީ ޚަރަދުވެފައެވެ.
  • ނިމުނު އަހަރުގެ މި މުއްދަތުގައި މި ޚަރަދު ހުރީ 393.2 މިލިއަން ޑޮލަރު (6.06 ބިލިއަން ރުފިޔާ) ގައެވެ. މި ބޮޑު އިތުރުވުމުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޑީސަލާއި ޕެޓްރޯލުގެ އިމްޕޯޓެވެ.
  • ތެލުގެ އިމްޕޯޓަށް ކުރި ޚަރަދުގެ ތަފުސީލަށް ބަލާއިރު، ޑީސަލް އިމްޕޯޓުކުރުމަށް 525.4 މިލިއަން ޑޮލަރު ޚަރަދުވެފައިވާއިރު، މިއީ ނިމިދިޔަ އަހަރާ އަޅައިބަލާއިރު 75.7 އިންސައްތައިގެ އިތުރުވުމެކެވެ.
  • ޕެޓްރޯލް އިމްޕޯޓުކުރުމަށް 99.7 މިލިއަން ޑޮލަރު ޚަރަދުވެފައިވެއެވެ. މިއީ 93.3 އިންސައްތައިގެ އިތުރު ވުމެކެވެ. މީގެ އިތުރުން އޭވިއޭޝަން ތެލުގެ އިމްޕޯޓަށް 36.9 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.

މި އިތުރުވުން މެދުވެރިވުމުގެ އަސްލަކީ ބައިނަލްއަޤުވާމީ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މަތިވުމެވެ. ފެބްރުއަރީ މަހު އެމެރިކާއިން ހަނގުރާމަ ފެށިއިރު ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރުގައި ހުއްޓެވެ. އެޕްރީލް މަހު އެ އަގު 103.9 ޑޮލަރަށް އުފުލުނެވެ. ނަމަވެސް، ފަހުން ހަނގުރާމަ ފިނިވުމާއެކު ޖުލައި މަހު ތެޔޮ ފީފާއެއްގެ އަގު ވަނީ 79.8 ޑޮލަރަށް ދަށްވެފައެވެ. މި އަހަރުގެ ތެރޭގައި ތެލުގެ އެވްރެޖް އަގު ހުރީ 84.7 ޑޮލަރުގައެވެ. މިއަދު އަނެއްކާވެސް 100 ޑޮލަރަށް އަގު އުފުލިފައި ވެއެވެ.

ހިއްސާ ކުރައްވާ!