ޕާކިސްތާނުގެ ބޮޑުވަޒީރު ސްވިޓްޒަލޭންޑަށް: އެމެރިކާ-އީރާން މަޝްވަރާތައް މިއަދު ފަށާނެ

އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމްއާބާދު ފަހުމުނާމާއާ ބެހޭ ސުލްހައިގެ މުހިންމު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި ސިފައިންގެ ވެރިޔާ އާމީ ޗީފް އާސިމް މުނީރު ސްވިޓްޒަލޭންޑަށް ފުރާވަޑައިގެންފިއެވެ. މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު ސްވިޓްޒަލޭންޑުގެ ބޯގެންސްޓޮކް ރިސޯޓުގައެވެ.

މި މަޝްވަރާތައް ފަސޭހަކޮށްދިނުމުގެ ގޮތުން ޕާކިސްތާނާއި ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރާނެއެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ފާންސް ވެސް މިހާރު ހުންނެވީ ސްވިޓްޒަލޭންޑަށް ދަތުރުކުރައްވާ މަގުމަތީގައެވެ.

ހަގީގަތުގައި މި ބައްދަލުވުންތައް ފެށެން އޮތީ ހުކުރު ދުވަހުއެވެ. ނަމަވެސް، އީރާނުން ބުނެފައިވަނީ ދެ ގައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި އީ-ސޮއިކޮށްފައިވާތީ، ބައްދަލުވުން އެހާ ބޮޑަށް އަވަސް ކުރަންބޭނުން ނޫން ކަމަށެވެ.

ބޯގެންސްޓޮކް ރިސޯޓުގައި މިހާރު ވެސް އެމެރިކާ، ޕާކިސްތާން، އަދި ގަތަރުގެ ޓެކްނިކަލް ވަފުދުތައް އެބަތިއްބެވެ. އީރާނުން ވަނީ ކަންކަން އިންތިޒާމު ކުރުމަށް ކުޑަ ވަފުދެއް ފޮނުވާފައެވެ.

މި މަޝްވަރާތަކުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ 60 ދުވަހުގެ މުއްދަތަކަށް ދެމިގެންދާ އެއްބަސްވުމުގެ ދަށުން، ހަނގުރާމަ ހުއްޓާލުމުގެ ކަންކަން ތަންފީޒު ކުރުމެވެ.

މި މަޝްވަރާތަކުގެ މަގު ޗާޓު ސާފުކޮށް ފެންނަން ހުރި ނަމަވެސް، ލުބްނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން މި މަޝްވަރާތަކަށް ހިޔަނި އެޅިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. އަދި އީރާނުގެ އެތެރޭގައި ވެސް މި އެއްބަސްވުމާމެދު ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ.

ހިއްސާ ކުރައްވާ!