ހުރުމުޒުން ފައިދާ ނަގަން އެމެރިކާވެސް ބޭނުން!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުރުމުޒު ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދުތަކުން އެމެރިކައިން ފީއެއް ނަގަން ފަށާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނާއެކު ދާއިމީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، މެދުއިރުމަތީގެ ކަންކަން "ހިމާޔަތްކުރާ ފަރާތު"ގެ ހައިސިއްޔަތުން އެމެރިކާއިން އާގު ބޯޓުތަކަށް ދޭ ޚިދުމަތްތަކުގެ ބަދަލުގައި، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނަގަން ފަށާނެ ކަމަށެވެ. އަދި މިހާރު އިއުލާނުކޮށްފައިވާ 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގައި އެފަދަ ފީއެއް ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އީރާނުގެ އެންމެ މަތީ ވެރިޔާގެ މުޝީރު މުހައްމަދު މުޚްބަރު ވިދާޅުވީ، ހުރުމުޒު ކަނޑުއޮޅިން ތެޔޮ އުފުލުން އަލުން ފެށޭނީ އިސްލާމްއާބާދު ފަހުމުނާމާ ފުރިހަމައަށް ތަންފީޒު ކުރުމުން ކަމަށެވެ. މީގެ އިތުރުން، އީރާނުގެ އެހެން މަސްއޫލުވެރިއަކު ވިދާޅުވީ، އެއްބަސްވުންތައް ހަމައެކަނި ކަރުދާހުގައި އޮތްހާ ހިނދަކު، މެދުއިރުމަތީގެ ހަކަތައިގެ ދަތުރުފަތުރު ހުއްޓިފައި އޮންނާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއަށް އެންމެ ރަނގަޅަށް ވިސްނޭނީ އިގްތިސާދީ ނަފާއާއި ގެއްލުމުގެ ހިސާބުތައް ކަމަށެވެ.

އީރާނުން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ކަނޑުއޮޅި ބަންދުކުރަން ޖެހިފައިވެއެވެ. ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އެ ކަނޑުއޮޅިއަކީ އަދި ހުޅުވާލެވިފައިވާ މަގެއް ކަމަށާއި، އޭގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ އަތްމަތީގައި ނެތް ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ހިއްސާ ކުރައްވާ!