އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާގެ އިސްތިއުފާއަށް ގޮވާލައި، އެގައުމުގެ ވެރިރަށް ޓިރާނާގައި މުޒާހަރާ ކުރާތާ މިހާރު 19 ދުވަސް ވެއްޖެއެވެ. މި މުޒާހަރާތައް އަމާޒުކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހެން ދަރިއާއި ދަރިކަލުން ޖެރާޑް ކުޝްނާރުގެ ކުންފުންޏަކުން އެގައުމުގައި ހަދަން އުޅޭ ރިސޯޓު މަޝްރޫޢަކާ ބެހޭ ގޮތުންނެވެ. ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބޭތީވެ ބިން މިލްކުކުރުމުގެ މައްސަލަތަކާމެދު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޓިރާނާގެ މައި މަގުތަކުގައި މުޒާހަރާގެ ބައިވެރިން އެއްވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، ސަރުކާރު އިމާރާތްތަކުގެ ކުރިމަތީގައި މަގުތައް ބަންދުކުރެއެވެ.
"އަލްބޭނިއާ ގަންނާކަށް ނުލިބޭނެ" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި މުޒާހަރާތައް ފެށުނީ، ކުޝްނާރުގެ އަރަބި އަމީރުން ބައިވެރިވާ ކުންފުނި "އެފިނިޓީ ޕާޓްނާސް" އިން އިންވެސްޓުކުރާ، އަލްބޭނިއާގެ ދެކުނު އައްސޭރިފަށުގެ މި ރިސޯޓު މަޝްރޫޢުގެ މަސައްކަތްތައް ފެށުމުންނެވެ. ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި މަޝްރޫޢަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކާއި، ހިޖުރަކުރާ ދޫނިތައް ދިރިއުޅޭ މުހިންމު ޖަޒީރާއަކަށް އޮތް ބިރެކެވެ.
މި މަޝްރޫޢު މިހާރު ވެފައިވަނީ އަލްބޭނިއާގެ ތަރައްގީއާއި، ބޮޑެތި އިންވެސްޓްމަންޓްތައް ފާސްކުރާ ގޮތާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުރުހުމުގެ މައިގަނޑަކަށެވެ. ނަމަވެސް ބޮޑުވަޒީރު ރާމާ ވަނީ އިސްތިއުފާ ދިނުމަށް ދެކޮޅު ހައްދަވައި، މިއީ ގައުމުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢަކީ އޭނާ މަގާމުގައި ހުންނަހާ ހިނދަކު ހުއްޓުވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ފާޅުގައި ބުނެފައެވެ.
ރާމާއަކީ ޓްރަމްޕާއި ޒަޔަނިސްޓު ރެޖީމާ ގާތް ގުޅުމެއް ބާއްވާ މީހެކެވެ.
މި މަޝްރޫޢު މިހާރު އަންނަނީ އަލްބޭނިއާގެ ކޮރަޕްޝަން ބަލާ އިދާރާ ސްޕެކް އިން ވެސް ތަހުގީގު ކުރަމުންނެވެ. އެއީ ޖަޒީރާ މިލްކުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކުރެވޭތީއެވެ.
"ފައިނޭންޝަލް ޓައިމްސް" އިން ރިޕޯޓުކުރާ ގޮތުގައި، މި މުޒާހަރާތަކަށް "ފްލެމިންގޯ ރިވޮލިއުޝަން" ގެ ނަން ވަނީ ދީފައެވެ.
ސަބަބަކީ، ޓްރަމްޕް އައުލާދުގެ ރިސޯޓު ހަދަން ނިންމާފައިވާ ޖަޒީރާއަކީ ފްލެމިންގޯ ދޫނިތައް އުޅޭ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ވުމެވެ. ސޯޝިއޮލޮޖިސްޓުން ބުނާ ގޮތުގައި މިއީ ހަމައެކަނި ރިއަލް އެސްޓޭޓް މަޝްރޫޢަކާ ދެކޮޅަށް ކުރާ ކަމެއް ނޫނެވެ؛ މިއީ ސިޔާސީ ކޮރަޕްޝަނާއި، މަދު ބަޔަކު ގައުމުގެ މުދަލާއި ބާރުތައް ފޭރިގަންނަން އުޅޭތީ އެކަމާ ދެކޮޅަށް ކުރަމުންދާ ފުޅާ ދާއިރާއެއްގެ ނުރުހުމުގެ ހަރަކާތެކެވެ.
މުޒާހަރާގެ ބައިވެރިން އެމެރިކާގެ ދިދަ އުފުލަމުން ދިޔައީ، އެމީހުން ދެކޮޅު ހަދަނީ އެމެރިކާއާ ނޫން ކަމަށާއި، ނަމަވެސް ބޭރުގެ އިންވެސްޓްމަންޓްތައް ބޭނުންކޮށްގެން ސިޔާސީ ނުފޫޒުގަދަ ފަރާތްތަކުން ކޮރަޕްޝަން ހިންގާ ގޮތާ ދެކޮޅު ހަދާކަން ދެއްކުމަށެވެ. އަނެއްކޮޅުން، ބޮޑުވަޒީރު ރާމާ ވަނީ މުޒާހަރާގެ ބައިވެރިންނަކީ ހައްދުފަހަނަޅާފައިވާ ބައެއް ކަމަށާއި، މި ހަލަބޮލިކަމުގެ ފަހަތުގައި އީރާނުގެ ސަޕޯޓު ލިބިގެންވާ ބަޔަކު ތިބި ކަމަށް އޮޅުވާލުމަށް ތުހުމަތުކުރައްވާފައެވެ.





