ބްރެޒިލްގެ ވަޒީފާގެ ބާޒާރަށް ހަލާލު މިންގަނޑުތަކަށް ފުރިހަމައަށް އަހުލުވެރި، ތަމްރީނު ލިބިފައިވާ މާހިރުން ނެރުމަށްޓަކައި، އެސްޓާސިއޯ ޑޯ ސައޮ ޕައުލޯ ޔުނިވަރސިޓީ އާއި އިންޓަރނޭޝަނަލް ހަލާލް އެކަޑަމީ ގުޅިގެން "އެމްބީއޭ އިން ހަލާލު" ޕްރޮގްރާމެއް ތައާރަފުކޮށްފިއެވެ. ހަލާލު ވިޔަފާރީގެ ބައިނަލްއަގްވާމީ މިންގަނޑުތަކަށް އަހުލުވެރި މާހިރުން ބިނާކުރުމަށް އަމާޒުކޮށްގެން ފަށާ މި ޕްރޮގްރާމަކީ، އެ ސަރަހައްދުގެ ވިޔަފާރީގެ ލޮޖިސްޓިކްސްއާއި އިސްލާމީ މާލީ ނިޒާމަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.
މިއީ ލެޓިން އެމެރިކާގައި މިފަދަ ފުރަތަމަ އެމްބީއޭ ޕްރޮގްރާމްކަން ފާހަގަކުރެވެއެވެ.
އަންނަ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ މި 18 މަސް ދުވަހުގެ ޕްރޮގްރާމް ބަހާލެވިފައިވަނީ ތިން ސެމެސްޓަރަކަށެވެ. މީގެ މައިގަނޑު މަގްސަދަކީ ހަލާލު ވިޔަފާރިއާއި، އޮޕަރޭޝަންތަކާއި، އިސްލާމީ މާލީ ސްޓްރެޓެޖީތަކަށް އަހުލުވެރި ޕްރޮފެޝަނަލުން ބިނާކުރުމެވެ.
"މި ޕްރޮގްރާމުން އުފެދޭ ދަރިވަރުންނަށް ކޮންސަލްޓިން ފާމްތަކާއި، ސަރުކާރުގެ އިދާރާތަކާއި، އޮޑިޓް އޮގަނައިޒޭޝަންތަކުގެ އިތުރުން ދަނޑުވެރިކަމާއި، ކާނާ އުފެއްދުމާއި، ލޮޖިސްޓިކްސް ފަދަ ދާއިރާތަކުން ފުޅާ ފުރުސަތުތަކެއް ލިބޭނެ،" ޕްރޮގްރާމްގެ އިސްވެރިން ޔަގީންކަން ދެއްވައެވެ.
މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި:
-
ހަލާލު އުސޫލުތަކާއި ގަވާއިދުތައް: ދުނިޔޭގެ މިންގަނޑުތަކާއި، ސަގާފީ އަދި އިސްލާމީ މައްސަލަތައް.
-
އޮޕަރޭޝަންސް، ޕްރޮޑަކްޝަން އަދި ކޮމްޕްލަޔަންސް: އޮޑިޓް ކުރުމާއި، ލޮޖިސްޓިކްސް އަދި ސަޕްލައި ޗެއިން މެނޭޖްމަންޓް.
-
އިސްލާމީ ވިޔަފާރިއާއި މާލީ ސްޓްރެޓެޖީ: އިންވެސްޓްމަންޓް، މާކެޓިން އަދި ބައިނަލްއަގްވާމީ ވިޔަފާރި.
މި ޕްރޮގްރާމުގެ އެންމެ ހާއްސަ އެއް ސިފައަކީ، ދެވަނަ ސެމެސްޓަރު ނިމުމުން، މިސްރުގެ އެލެގްޒަންޑްރިއާގައި ކުރިއަށް ގެންދާ 10 ދުވަހުގެ އަމަލީ ތަމްރީނު ޕްރޮގްރާމެވެ. ރިމޯޓްކޮށް، އޮންލައިންކޮށް ކުރިއަށް ގެންދާ މި ކްލާސްތަކުގައި އެއްފަހަރާ 40 ދަރިވަރުންނަށް ބައިވެރިވެވޭއިރު، މިއީ ދަރިވަރުންނަށް މާހިރުންނާ އެކު ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ގޮތަކަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
އަރަބް-ބްރެޒިލިއަން ޗެމްބަރ އޮފް ކޮމާސްގެ ފަރާތުން އަލެސަންޑްރާ ފްރިސޯ ވިދާޅުވީ، މި ކޯހުގެ ސަބަބުން ބްރެޒިލްގެ ކުންފުނިތަކަށް އަރަބި އަދި މުސްލިމް މާކެޓުތަކަށް އިތުބާރާއެކު ވިޔަފާރި ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.





