5،000 ރުފިޔާގެ ނޫޓުގައި ޖިނާހްއާއެކު ނަވާޒް ޝަރީފްގެ ފޮޓޯ ޖެހުމަށް ގޮވާލައިފި

ޕާކިސްތާންގެ ފައިސާގެ 5،000 ރުފިޔާގެ ކަރަންސީ ނޫޓުގައި ގައުމުގެ ބާނީ ގާއިދޭ އައުޒަމް މުހައްމަދު އަލީ ޖިނާހްގެ ފޮޓޯފުޅާއެކު، ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ފޮޓޯފުޅު ވެސް ހިމެނުމަށް ގޮވާލައްވައިފިއެވެ. މިކަމަށް ގޮވާލި ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ގެ މެމްބަރު އަރުޝަދު މާލިކް، ބުނީ ޕާކިސްތާނަކީ ނިއުކްލިއަރ ބާރަކަށް ހެދުމުގެ އިތުރުން ގައުމު ތަރައްގީ ކުރުމުގައި ނަވާޒް ޝަރީފް މުހިންމު ދައުރެއް އަދާ ކުރެއްވި ކަމަށެވެ.

ނަވާޒް ޝަރީފް އާއިލާއަކީ އިންޑިއާގެ ޓާޓާ އާ އެއްފަދަ ދަނގަނޑުން ފެށިގެން ހަކުރާ ހަމައަށް ހުރިހައި ސިނާއަތެއް ކޮންޓްރޯލު ކުރާ އައިލާ އެކެވެ.

ޕަންޖާބު އެސެމްބްލީގައި ވާހަކަ ދައްކަވަމުން އަރުޝަދު މާލިކް ވަނީ 5،000 ރުފިޔާގެ ނޫޓެއް ދައްކަވާފައެވެ. އަދި ޕާކިސްތާނުގެ ބާނީގެ ފޮޓޯފުޅާ އެއްހަމައެއްގައި ނަވާޒް ޝަރީފްގެ ފޮޓޯފުޅު ވެސް ހިމެނެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަވާޒް ޝަރީފަކީ ޕާކިސްތާނު ނިއުކްލިއަރ ބާރަކަށް ހެއްދެވި ބޭފުޅާ ކަމަށާއި، ގައުމު ތަރައްގީ ކުރުމުގައި އޭނާ އަދާކުރެއްވި ދައުރު ވަރަށް މުހިންމު ކަމަށް މާލިކް ވިދާޅުވިއެވެ. މީގެ އިތުރުން، ގައުމުގެ މަގުތަކުގެ ވިއުގަ ފުޅާކޮށް، ގައުމު ތަރައްގީގެ މަގަށް ގެންދިއުމަށް ނަވާޒް ޝަރީފް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ނަވާޒް ޝަރީފަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ ވާހަކައެއް އޭނާ ކިޔައި ނުދެއެވެ.

"ގާއިދޭ އަޒަމް މުހައްމަދު އަލީ ޖިނާހް ޕާކިސްތާނު އުފެއްދެވި ނަމަވެސް، ނަވާޒް ޝަރީފް ވަނީ އެ ގައުމު ނިއުކްލިއަރ ބާރަކަށް ހައްދަވާފައި،" އަރުޝަދު މާލިކް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!