ރަޝިޔާގެ 18 އަހަރުގެ ދަރިވަރަކު ޕިއްޒާ އޯޑަރުކުރުމަށް "އެޑޯލްފް ހިޓްލަރު"ގެ ނަން ބޭނުންކޮށް، އޮންލައިންކޮށް މަނާކޮށްފައިވާ ނާޒީންގެ ރަމްޒުތައް ހިއްސާކުރި މައްސަލައެއްގައި ފަސް ދުވަހަށް ޖަލަށް ލައިފިއެވެ.
ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، މި ދަރިވަރު މި ނަން ބޭނުންކޮށްފައިވަނީ ވިޔަފާރި މަރުކަޒެއްގައި ހުންނަ ރެސްޓޯރެންޓަކުން ޕިއްޒާއަކަށް އޯޑަރު ކުރިއިރުއެވެ. މި އަމަލާ ގުޅިގެން ނާޒީންގެ ރަމްޒުތައް ޕްރޮމޯޓްކުރި ކަމުގެ ތުހުމަތުގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ކިޔަވަމުންދާ ކޮލެޖްގައި ހުއްޓައެވެ. ހައްޔަރުކުރި ވަގުތު އޭނާ ފުލުހުންނާ ދެކޮޅު ހަދާފައިނުވާ ކަމަށާއި، އޭނާ މާފަށް އެދިފައިވާ ކަމަށް ވެއެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ދަރިވަރު ވަނީ އޭނާގެ ޑެސްކުގައި މަނާކޮށްފައިވާ ރަމްޒުތަކެއް ކުރަހައި، އޭގެ ފޮޓޯތައް އޮންލައިން ޗެޓް ގުރޫޕެއްގައި ހިއްސާކޮށްފައެވެ.ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނީ، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައީ އެ ސަރަހައްދުގެ ސިޔާސީ ފަރާތަކުން ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، މި ޒުވާނާ ވަނީ އޭނާގެ ކުށް ގަބޫލުކޮށްފައެވެ. އަދި އޭނާއަށް ކުރެވުނު ކަންތަކުގެ ނޭދެވޭ އަސަރު އޭރު ރަނގަޅަށް ނޭނގޭ ކަމަށާއި، މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.





