ފަލަސްތީނުގެ ހަގީގަތަކީ ބައިނަލްއަގްވާމީ ނިޒާމުގެ ބޮޑު ނާކާމިޔާބީއެއް

1967 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރޭގައި، އުމުރުން އެންމެ 12 އަހަރުގެ ކުއްޖެއްގެ ގޮތުގައި ފުރަތަމަ އެހީ ފޯރުކޮށްދޭ ވޮލަންޓިއަރެއްގެ ގޮތުގައި މުސްތަފާ ބަރްޣޫތީ މަސައްކަތް ކުރެއްވިއެވެ. އެ ދުވަހު އޭނާ ދުށް ލޭއޮހޮރުވުންތަކާއި މަރުގެ ވޭނަކީ، މިއަދު ފަލަސްތީނުގެ ސިޔާސީ މަސްރަހުގައި ފެންނަ މަންޒަރެވެ. އެ ދުވަހު ދިމާވި ކަންކަމުން ފެށުނީ އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ދަތި ދިގު ރާސްތާއެކެވެ. މިއަދު ޑރ. ބަރްޣޫތީ ސިފަކުރައްވާ ގޮތުގައި، ފަލަސްތީނުގެ މައްސަލައަކީ ހަމައެކަނި ބިން ހޯދުމުގެ މައްސަލައެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ އަޚްލާގީ މިންގަނޑާއި، ބައިނަލްއަގްވާމީ ގާނޫނުތަކުގެ މަކަރުވެރިކަން ހާމަވާ "ޓެސްޓެއް" ކަމަށެވެ.

ޑރ. ބަރްޣޫތީ ފާހަގަކުރައްވާ ގޮތުގައި، ހުޅަނގުގެ ގައުމުތަކުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކަނީ އެމީހުން ބޭނުންވާ ގޮތަށް ހޮވާލެވޭ ކަންކަމުގައެވެ. ފަލަސްތީނުގެ މައްސަލާގައި ފެނިގެންދަނީ އެންމެ މަކަރުވެރި ބާވަތުގެ ދެފުށް ދެގޮތް ސިޔާސަތެވެ. އިސްރާއީލަކީ ގާނޫނުތަކަށްވުރެ މަތީގައި އޮތް ބާރެއް ކަމަށް ހުޅަނގުން ބަލައިގަނެއެވެ، ޔަހޫދީ ރެޖީމު ދެކެ ޖެހިލުންވެއެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތައް މިއަދު އޮތީ ހަމައެކަނި ނަމެއްގައި ކަމަށް އޭނާ ވިދާޅުވެއެވެ. މިއަދުގެ ދުނިޔޭގެ ނިޒާމަކީ ފަލަސްތީނުގެ މައްސަލައިން ބޭޒާރުވެފައިވާ ނިޒާމެކެވެ.

ޑރ. ބަރްޣޫތީ ދެކެ ވަޑައިގަންނަވާ ގޮތުގައި މިއަދު ގެންގުޅެން ޖެހޭ ސްޓްރެޓެޖީގެ އެންމެ މުހިންމު އެއް ބަޔަކީ "ޑީކޮލޮނައިޒް އޮފް ނޮލެޖް" ނުވަތަ އިސްތިއުމާރީ ވިސްނުންތަކުން މައުލުމާތުގެ ކޮށާރު މިނިވަންކުރުމެވެ. މިސާލަކަށް، އޭނާ ވިދާޅުވަނީ: މީޑިއާގައި ގެންގުޅޭ ބަހުރުވަ ވެސް ވަރަށް ހޮވާލެވިފައިވާ ކަމެވެ.

  • އިސްރާއީލުން ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަކީ "ޤައިދީން" ނޫން ކަމަށާއި، އެއީ "ހޮސްޓޭޖުން" ރަހީނުން ކަމަށް އޭނާ ބާރުއަޅުއްވައެވެ.
    މި ބަދަލަކީ ހަމައެކަނި ލަފްޒީ ބަދަލެއް ނޫނެވެ؛ މިއީ ހުޅަނގުން ބޭނުންވާ ގޮތަށް ކަންކަން ސިފަކޮށް ދިނުމުގެ ބަދަލުގައި، ހަގީގަތް އޭގެ ރަނގަޅު މާނައިގައި ދުނިޔެއަށް ގެނެސްދިނުމަށް ކުރެވޭ ހަނގުރާމައެކެވެ.
  • ޑރ. ބަރްޣޫތީ ވިދާޅުވަނީ ފަލަސްތީނުގެ ރައްޔިތުން މިހާރު މި ކުރަނީ ހަމައެކަނި ކެތްތެރިވާން ޖެހޭ ފަދަ ހާލަތެއްގައި އޮތް މަސައްކަތެއް ނޫނެވެ؛
    މިއީ ހަގީގީ މާނައިގައި ފަސްގަނޑު ދިފާއުކުރުމުގެ ހަނގުރާމައެއް ކުރަން ޖެހޭ ވަގުތެވެ.

އޮސްލޯ އެގްރީމެންޓްގެ ނާކާމިޔާބީއަށްފަހު، ފަލަސްތީނުގެ ލީޑަޝިޕް އޮތީ ބޮޑު މަޅިއެއްގައެވެ. ޑރ. ބަރްޣޫތީ ވިދާޅުވާ ގޮތުގައި، އިސްރާއީލާއެކު ސުލްހަވެވި ދާނެ ކަމަށް ހީކުރުމާއި، އެމެރިކާއަކީ އިންސާފުވެރި މެދުވެރިއެއް ކަމަށް ބަލައިގަތުމަކީ މިއަދު ބީވަމުންދާ ދެ ހުވަފެނެވެ.

އިސްރާއީލުން ގެންގުޅޭ "ގްރޭޓަރ އިސްރާއީލް"ގެ ނުރައްކާތެރި ވިސްނުމަކީ ހަމައެކަނި ފަލަސްތީނު ކަސްތޮޅު އެޅުވުމެއް ނޫނެވެ. އެއީ މުޅި މެދުއިރުމަތި އަޅުވެތިކުރުމުގެ މަޝްރޫއެއް ކަމުގައި ވިދާޅުވެއެވެ. ނަމަވެސް، ފަލަސްތީނުގެ ޖީލުތަކުން 1948 ވަނަ އަހަރުގެ ތާރީޚީ ފިލާވަޅުތައް ރަނގަޅަށް ދަސްކޮށްފިއެވެ.

އޭނާ ފާހަގަކުރައްވާ ގޮތުގައި، ފަލަސްތީނުގެ ހަނގުރާމައަކީ ދުނިޔޭގެ އިގްތިސާދީ ވެރިކަން ކުރާ މަދު ބަޔަކާ ދެކޮޅަށް އުފެދެމުން އަންނަ ބޮޑު ހޭލުންތެރިކަމެއްގެ ނިޝާނެކެވެ. ދުނިޔޭގެ މުއްސަނދިކަމުގެ ބޮޑު ބައެއް އާބާދީގެ ވަރަށް މަދު ބައެއްގެ އަތްމަތީގައި އޮތުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، މި ނުބައި ނިޒާމުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވާ ފަދަ އަނިޔާތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތިން ވެސް ތަޖުރިބާކުރަމުންދާ ކަމަށް އޭނާ ވިދާޅުވެއެވެ.

މިހުރިހާ ނާމާންކަމެއްގެ ތެރޭގައި ވެސް، ޑރ. ބަރްޣޫތީ އުންމީދީ ނުކުތާއެއް ފާހަގަކުރައްވައެވެ. އެއީ ދުނިޔޭގެ ސަގާފީ ވައިރޯޅި ބަދަލުވަމުންދާ ކަމެވެ. ކުރިން އިސްރާއީލަށް ކުރަމުން އައި ހައްދެއް ނެތް ތާއީދު މިއަދު ދަނީ ފަނޑުވަމުންނެވެ. މިއީ މުޅި މީޑިއާގެ ރާގު ބަދަލުވަމުންދާކަމުގެ ހެއްކެކެވެ.

އޭނާ ވިދާޅުވަނީ ފަލަސްޠީނުގެ އެއްބައިވަންތަކަމަށް ދާން އޮތް ހަމައެކަނި މަގަކީ މިނިވަން ދިމިގްރާތީ އިންތިޚާބުތަކެއް ބާއްވައި، ރައްޔިތުންގެ އިތުބާރު އޮތް ލީޑަޝިޕެއް އުފެއްދުމެވެ.
ޑރ. ބަރްޣޫތީގެ މެސެޖަކީ ސާފުކޮށެވެ: "ހޭލާށެވެ!" ފަލަސްތީނުގެ ރައްޔިތުންގެ ވޭނަކީ މުޅި އިންސާނިއްޔަތަށް ދެވޭ އިންޒާރެކެވެ.

ޑރ. ބަރްޣޫތީގެ ވާހަކަތަކުން ދޭހަވަނީ، ފަލަސްތީނުގެ ހަނގުރާމައަކީ ހަމައެކަނި ބިމުގެ ހަނގުރާމައެއް ނޫން ކަމެވެ؛ މިއީ އަދުލުވެރިކަމާއި އިންސާނިއްޔަތުކަން ދެމެހެއްޓުމަށްޓަކައި، މުޅި ދުނިޔޭގެ ސަހުޔޫނީ ނިޒާމީ ބާރުތަކާ ދެކޮޅަށް ކުރެވޭ ފިކުރީ އަދި ސިޔާސީ ބޮޑު އިންގިލާބީ މަސައްކަތެކެވެ. މިއަދު ފަލަސްތީނު މިވަނީ ދުނިޔޭގެ ވިސްނުން ކަނޑައަޅާ ހަގީގީ މިންގަނޑަކަށް ވެފައެވެ.

ނޯޓް: ފަލަސްތީނުގެ ނުފޫޒުގަދަ ލީޑަރު އަދި ޑރ. މުސްތަފާ ބަރްޣޫތީގެ ޕޮޑްކާސްޓަކުން

ހިއްސާ ކުރައްވާ!