އެމެރިކާއާއި އީރާނާ ދެމެދު ސުވިޒަލެންޑްގައި މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ މެދުއިރުމަތީގެ މަސްރަހު މުޅިން ބަދަލުކޮށްލާނެ "އާ އެއްބަސްވުމަކަށް" ވާސިލުވުމަށް ކުރެވޭ މަޝްވަރާތަކެއް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވިދާޅުވެއްޖެއެވެ.
ސުވިޒަލެންޑްގައި އީރާނުގެ ވަފުދާ އެކު ކުރިއަށްދާ މުހިންމު ވާހަކަތަކުގައި އެމެރިކާގެ ވަފުދު އިސްކޮށް ހުންނަވައި ލީޑްކުރައްވާ ވެންސް ވިދާޅުވީ، ރައީސް ޑޮނަލްޑް ޓރަމްޕްގެ އެންމެ ބޮޑު އަމާޒަކީ މިހާރަށްވުރެ ތަފާތު "އާ މެދުއިރުމަތީގެ" ތަޞައްވުރެއް ހަގީގަތަކަށް ހެއްދެވުން ކަމަށެވެ. އަދި ޓްރަމްޕްގެ ވެރިކަމުން ހަމައެކަނި އީރާނާއެކު ސުލްހަ ގާއިމުކުރުމަށް ނޫން ކަމަށާއި، މުޅި ސަރަހައްދުގެ ދާއިމީ ސުލްހައަށް އެމެރިކާއިން އިސްކަންދޭ ކަމަށް އޭނާ ބާރުއަޅުއްވައި ވިދާޅުވިއެވެ.
މި މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ބާރުތަކަށް ވެންސް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އެގޮތުން، މަޝްވަރާތައް ބޭއްވުމަށް ޕާކިސްތާނުން މެދުވެރިވުމުގެ ދައުރުގައ ކުރިި މަސައްކަތްތަކަށާއި، ގަތަރުން މި ކަމުގައި އަދާކުރި މުހިންމު ޑިޕްލޮމެޓިކް ދައުރަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ވެންސް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ދިގުލައިގެން ގޮސްފައިވާ ހަމަނުޖެހުންތަކަށް ވަގުތުން ހައްލެއް ނުލިބުނަސް، މި މަޝްވަރާތަކަކީ ފެށުމެކެވެ.
"ފަންނީ ގޮތުން ކުރެވޭ މިފަދަ މަޝްވަރާތަކުން ދެ ގައުމުގެ ދެމެދުގައި ހުރި ހުރިހާ ޚިޔާލުތަފާތުވުންތަކެއް ވަގުތުން ހައްލުވާނެ ކަމަށް ކަނޑައެޅިގެން ގަބޫލެއް ނުކުރަން. އެހެންނަމަވެސް، މި މަޝްވަރާތަކުގެ ތެރެއިން މާ ފާގަތި އަދި ރަނގަޅު މުސްތަގުބަލަކާ ދިމާލަށް ދެ ގައުމަށް ވެސް ދެވޭނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް،" ވެންސް ވިދާޅުވިއެވެ.
ވެންސްގެ މި ވާހަކަފުޅުތަކުން ދޭހަވަނީ، އެމެރިކާއިން މިހާރު ގެންގުޅޭ ޚާރިޖީ ސިޔާސަތުގައި ހަމަނުޖެހުންތައް ކުޑަކޮށް، ޑިޕްލޮމެޓިކް މަގުން ބޮޑެތި ހައްލުތައް ހޯދުމަށް ދޭ އަހައްމިއްޔަތުކަން ބޮޑު ކަމެވެ.
މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނާއި، ގަތަރާއި އަދި އިސްރާއީލުގެ އެހީތެރިކަމާއެކު، ލުބުނާނުގެ ހާލަތު ރަނގަޅުކުރުމުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުންތަކާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ވަނީ ޝުއޫރު ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިހާރު މި ފެންނަނީ ދުނިޔޭގެ ސުލްހައަށްޓަކައި "ވަރަށް ބޮޑު އަދި ތާރީޚީ ދުވަހެއް" ކަމަށެވެ.





