އުމުރުން ދުވަސްވީ މީހުންނާއި ހަރަކާތްތެރިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ޚާއްސަކޮށް، ޗައިނާގެ ކުންފުންޏެއް ކަމަށްވާ "ޔޫއީބަން" އިން އާދަޔާ ޚިލާފު އުފެއްދުމެއް ތައާރަފްކޮށްފިއެވެ. ޝަންހާއީގައި ބޭއްވި ފެއަރއެއްގައި އެ ކުންފުނިން ދައްކާލީ، އަމިއްލައަށް ހިނގާފައި އައިސް، ބޭނުންކުރާ މީހާ ކައިރިއަށް ލަފާ "ސްމާޓް ފާޚާނާ" އެކެވެ.
"ޝިއާއޯބަން" ގެ ނަމުން ނަން ދީފައިވާ މި ފާޚާނާއަކީ، ސިއްހީ ސަބަބުތަކާ ހުރެ ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ފާޚާނާއަށް ދިއުމުގައި ދަތިތައް ހުންނަ މީހުންނަށް އަމާޒުކޮށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.
މި ފާޚާނާގެ އަގަކީ ގާތްގަނޑަކަށް 28,999 ޔުއާން (4,300 އެމެރިކާ ޑޮލަރު) އެވެ. މިވަގުތު މިއީ ޗައިނާގެ މާކެޓަށް ޚާއްސަ އުފެއްދުމަކަށް ވީ ނަމަވެސް، ބައިނަލްއަގްވާމީ ފެންވަރުގައި މިއީ ލިބޭނެ އެއްޗެއްކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.
މި ސްމާޓް ފާޚާނާގައި ބޭނުންކޮށްފައިވަނީ އެންމެ ޒަމާނީ ރޮބޮޓިކް ވެކިއުމް ކްލީނަރުތަކުގައި ހުންނަ ފަދަ ޓެކްނޮލޮޖީއެކެވެ. ލިޑާރ ސެންސަރުތަކާއި އަލްޓްރާސައުންޑްގެ އެހީގައި، ގޭތެރޭގައި ހުންނަ އެއްޗެއްސާއި ސިޑި ފަދަ ތަންތަން ދެނެގަނެ، ރައްކާތެރިކަމާއެކު އަމިއްލައަށް ދަތުރުކުރުމުގެ ގާބިލުކަން މި ސޮރުގެ ކިބައިގައި ހުރެއެވެ.
މި ފާޚާނާ ބޭނުންކުރާ މީހާއަށް ރިމޯޓް ކޮންޓްރޯލެއް ނުވަތަ އަޑުން އަމުރުކޮށްގެން، ފާޚާނާ ހާޒިރު ކުރެވެއެވެ. ފާޚާނާގައި އިއްތާލަން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ބޭނުންވި ނަމަވެސް، ފާޚާނާއަށް ހިނގާފައި ދިއުމުގެ އުނދަގޫ މި އުފެއްދުމުން ހައްލުކޮށްދެއެވެ.
މި ފާޚާނާ ފަރުމާކޮށްފައިވަނީ ސާފުތާހިރުކަމަށް އިސްކަންދީގެންނެވެ:
-
ކަރުދާސް ބޭނުންކުރުމުގެ ބަދަލުގައި، ފެން ޖަހައި ސާފުކޮށްދޭ ޝަވަރަކާއި ވައިން ހިއްކާ ނިޒާމެއް ހިމެނެއެވެ.
-
ފާޚާނާގެ ތެރޭގައި ހުންނަ ޖަރާސީމުތައް ނައްތާލުމަށް އަލްޓްރާވައިލެޓް ދޯދި ބޭނުންކުރެއެވެ. މިއީ ވަސް ދުވުން ކުޑަކޮށް، ސާފުތާހިރުކަން ދެމެހެއްޓުމަށް އެހީވެދޭ ކަމެކެވެ.
-
ބޭނުންކޮށް ނިމުމުން، ފާޚާނާ އަމިއްލައަށް އެކަމަށް ޚާއްސަ ސްޓޭޝަނަކަށް ދަތުރު ކުރެއެވެ. އެތަނުގައި ފެން އަޅައި، ނަޖިސް ނައްތާލައި، އަލުން ޗާޖުކުރެއެވެ. ސާފުކުރަން ޚާއްސަ ސްޓޭޝަން ނެތް ނަމަ، އާންމު ފާޚާނާއެއްގެ ތެރެއަށް ޚާއްސަ އަތްގަނޑެއް ދިއްކޮށްގެން ނަޖިސްތައް ފޮނުވާލުމުގެ ގާބިލުކަން ވެސް މީގައި ހުރެއެވެ.
މިއީ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފިދާނެ އެންމެ ފުރިހަމަ މިސާލެވެ.







