ބައިނަލްއަގްވާމީ މުއާހަދާތަކާއި އަމިއްލަ ގާނޫނުތައް ހުރި ނަމަވެސް، ބަންގްލަދޭޝް ވެފައިވަނީ އިލެކްޓްރޯނިކް ކުނި އީ-ވޭސްޓް އެތެރެކުރާ ގައުމަކަށެވެ. އެ ގައުމުގެ ބޯޑު އޮފް ރެވެނިއުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، 2022 އިން 2025 އާ ދެމެދު 40 ކުންފުންޏަކުން ވަނީ ބައިނަލްއަގްވާމީ ޤަވާއިދުތަކާ ޚިލާފަށް އީ-ވޭސްޓް އެތެރެކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 15،000 ޓަނުގެ އީ-ވޭސްޓް އެ ގައުމަށް އެތެރެކޮށްފައިވެއެވެ. އޭގެ ތެރެއިން 27 ޕަސެންޓަކީ ފޮތި އުފައްދާ ސިނާއަތްތަކާ ގުޅުންހުރި ކުންފުނިތަކުން އެތެރެކޮށްފައިވާ ތަކެއްޗެވެ. މި ކުނިތަކުގެ ތެރޭގައި ވިހަ މާއްދާތައް ހިމެނޭއިރު، އެތަކެތި ތިމާވެއްޓަށާއި އިންސާނުންގެ ކާބޯތަކެތީގެ ނިޒާމުގެ ތެރެއަށް ވަދެ، ސިއްހީ ބޮޑު ނުރައްކަލަކަށް މިހާރު ވަނީ ވެފައެވެ.
މި މައްސަލަ ހައްލުކުރުމަށް 2021 ވަނަ އަހަރު ޚާއްސަ ޤަވާއިދެއް އެކުލަވާލާފައި އޮތް ނަމަވެސް، އެ ގަވާއިދު ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް ބަންގްލަދޭޝްގެ ދިރާސާއަކުން ދައްކާ ގޮތުގައި، އެތެރެކުރާ މުދަލުގެ ތެރެއިން 10 ޕަސެންޓް މުދާ ފިޔަވައި އެހެން އެއްޗެއް ފުރިހަމައަށް ބަލައި ފާސްކުރަމުން ނުދެއެވެ. އަދި ބައެއް ފަރާތްތަކުން އެހެން ކޯޑުތަކެއް ބޭނުންކޮށްގެން، އީ-ވޭސްޓް ކަމަށް ނުބެލެވޭ ގޮތަށް މުދާ އެތެރެކުރަމުންދާކަން ވެސް ފާހަގަކުރެވެއެވެ.
އީ-ވޭސްޓް އެތެރެކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމާއި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ޤަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތައް ހިނގާކަމުގެ ތުހުމަތުތައް ވެސް ދަނީ ކުރެވެމުންނެވެ. ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ގޮވާލަމުންދަނީ މިކަމުގައި ޝާމިލްވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށާއި، ކަމާބެހޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ.
މިކަމާ ގުޅޭގޮތުން ބައެއް ކުންފުނިތަކުން ބުނެފައިވަނީ، އެފަރާތްތަކުން އެތެރެކޮށްފައިވަނީ އީ-ވޭސްޓް ނޫން ކަމަށާއި، އެއީ ޓެކްނިކަލް އާލާތްތައް ކަމަށެވެ. ނަމަވެސް، ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މާކެޓުގައި އަގުހެޔޮކޮށް ލިބެން ހުންނަ ބާ މުދަލަކީ ވެސް ޤަވާއިދާ ޚިލާފަށް އެތެރެކުރާ އީ-ވޭސްޓްގެ ހެއްކެކެވެ. މި މައްސަލަ ހައްލުކުރުމަށް ބޮޑުވަޒީރުގެ އޮފީހުން ސީދާ މަސައްކަތް ކުރުމަކީ މިހާރު ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.


