ލުބްނާނުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމާއި، އީރާނުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބުރަތައް ލުއިކުރުމަށް އެމެރިކާއާއި އީރާނާ ދެމެދު ސުވިޒަލޭންޑުގައި ކުރިއަށްދާ މަތީ ފެންވަރުގެ މަޝްވަރާތަކުން މުހިންމު ކުރިއެރުންތަކެއް ހޯދައިފިއެވެ. މި މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިންމާލުމަށްފަހު، މި ހަފުތާގެ ކުރިއަށް ހުރި ދުވަސްތަކުގައި ދަށް ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.
ޕާކިސްތާނާއި ގަތަރުގެ މެދުވެރިކަމާއެކު ލޫސަން ކޯރުގެ އައްސޭރީގައި ބޭއްވި މި ބައްދަލުވުންތަކަށްފަހު، މެދުވެރި ދެ ގައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އީރާނުގެ މެދުގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
މި މަޝްވަރާތަކުގެ އެންމެ މުހިންމު އެއް ނަތީޖާއަކީ، ލުބްނާނުގައި ޒަޔަނިސްޓް މިލިޓަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރެވޭތޯ ބެލުމަށްޓަކައި، "ޑީ-ކޮންފްލިކްޝަން ސެލް" އެއް ނުވަތަ ހަމަނުޖެހުންތައް މޮނީޓަރުކުރާ ޚާއްސަ ސެލްއެއް އުފެއްދުމަށް އެއްބަސްވުމެވެ. މި ސެލްގައި ލުބްނާނުގެ ސަރުކާރުން ވެސް ބައިވެރިވާނެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް’ގައި ވިދާޅުވީ، ޕާކިސްތާނާއި ގަތަރުގެ ވަރުބަލިކަމެއް ނެތި ކުރި މެދުވެރިކަމުގެ މަސައްކަތުން ލުބްނާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި އީރާނުގެ ތެލާއި ޕެޓްރޮކެމިކަލް އުފެއްދުންތައް އެކްސްޕޯޓްކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހިފަހައްޓާފައިވާ އީރާނުގެ ބައެއް ފައިސާތައް ދޫކޮށްލާފައިވާ ކަމަށާއި، އީރާނަށް ބޮޑެތި ތަރައްގީގެ މަޝްރޫއުތަކެއް ފެށުމަށް މަގުފަހިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ އަޅުގަނޑުމެންގެ ފުރަތަމަ އަސްލު އިމްތިހާން. ލުބްނާނުގައި ހަމަނުޖެހުންތައް ކޮންޓްރޯލްކުރާ ސެލްގެ މަސައްކަތް މިހާރު ފެށިފައިވަނީ،" އަރަޤްޗީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ކުޅިވަރުގެ ދަނޑުން ފެށިގެން މަޝްވަރާ މޭޒާ ހަމައަށް، އަދި ހަނގުރާމައިގެ މައިދާނާ ހަމައަށް ވެސް އީރާނުން އަޅާ ކޮންމެ ފިޔަވަޅަކީ ވެސް، އެ ގައުމުގެ ރައްޔިތުންގެ ޝަރަފާއި އިއްޒަތް ދިފާއުކުރުމަށް ކުރާ ބުރަ މަސައްކަތުގެ ބައެއް ކަމަށެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ލުބްނާނުގައި ހަނގުރާމަ ހުއްޓުވުމަށް މަގުފަހިވި ނަމަވެސް، އީރާނުން ތާއީދުކުރާ ހިޒްބުالله ޖަމާއަތާއި އިސްރާއީލާ ދެމެދު އޮތް ހަމަނުޖެހުންތައް މުޅިން ހުއްޓުމަކަށް އަންނާނެތޯ އަދިވެސް ވަނީ ސުވާލު އުފެދިފައެވެ.





