އެމެރިކާއިން ޗައިނާގެ ކުންފުނިތަކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން، އޭގެ ރައްދުގައި ޗައިނާއިން އެމެރިކާގެ ދިހަވަރަކަށް ކުންފުންޏަކާ ދެކޮޅަށް ވިޔަފާރީގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގެ ދިފާއީ ސިނާއަތާ ގުޅުންހުރި ބޮޑެތި ކުންފުނިތަކާއި، އަގުހުރި ނާދިރު މައުދަންތައް އުފައްދާ ކުންފުނިތައް ހިމެނެއެވެ.
ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ހޯމަ ދުވަހު އާންމުކުރި ލިސްޓުގައި، އެމެރިކާގެ ޕެންޓަގަންއާ ގުޅުންހުރި 10 ކުންފުންޏެއް ވަނީ އެކްސްޕޯޓް ކޮންޓްރޯލް ލިސްޓަށް ލާފައެވެ.
މި ފިޔަވަޅުތަކާއެކު، ޗައިނާގައި އުފައްދާ ދިފާއީ އަދި މަދަނީ ބޭނުންތަކަށް ބޭނުންވާ އުފެއްދުންތައް މި ކުންފުނިތަކަށް ވިއްކުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ޗައިނާގެ މާލީ ވުޒާރާއިން ވަނީ މަތިންދާބޯޓާއި އަަސްކަރީ އުފެއްދުންތއް އުފައްދާ ލޮކްހީޑް މާޓިން، ރެއިތިއަން، އަދި ބޮއިންގ ގެ ދިފާއީ ބައި ހިމެނޭހެން 46 ކުންފުންޏަކާ އެކު ސަރުކާރުން އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ނުކުރުމަށް ނިންމައި، އެ ކުންފުނިތަކުގެ އުފެއްދުންތައް ގަތުން ވަގުތުން ހުއްޓާލުމަށް ނިންމާފައެވެ.
’ވޯލް ސްޓްރީޓް ޖާނަލް' އިން ފާހަގަކުރާ ގޮތުގައި، ޗައިނާއިން "ރެއާ އާރތް" އުފައްދާ ކުންފުނިތައް މި ލިސްޓަށް ލުމަކީ ވަރަށް ސްޓްރެޓެޖިކް ފިޔަވަޅެކެވެ. ސަބަބަކީ އިލެކްޓްރޯނިކްސްއާއި، ދިފާއީ ނިޒާމުތައް، އަދި އިޔާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތަކަށް މި މައުދަންތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވެފައި އެމެރިކާގެ ކުންފުނިތަކަށ ްމި ތަކެތި ނުލިބުމުން އެއީ އެ އުފެއްދުންތަކުގައި އެމެރިކާ އިނދެޖައްސާލާނެ ކަމަކަށް ވާތިއެވެ. ޗައިނާގެ މި ފިޔަވަޅުތަކަކީ އެމެރިކާގެ ދިފާއީ ވުޒާރާ އިން ޗައިނާގެ "އަލީބާބާ" އާއި "ބައިޑޫ" ފަދަ 20 ކުންފުންޏެއް "ކަޅު ލިސްޓަށް" ލުމަށް އެޅި ފިޔަވަޅުތަކުގެ ރައްދުގައި ކުރި ކަމެކެވެ.
އެމެރިކާއިން މިހާރު ވެސް ވަނީ 100 އަށްވުރެ ގިނަ ޗައިނާ ކުންފުންޏެއް "ބްލެކްލިސްޓް" ކޮށްފައެވެ. އަދި 2026 ވަނަ އަހަރުގެ އެމެރިކާގެ ދިފާއީ ގާނޫނުގައި ޗައިނާއަކީ އެމެރިކާއަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ކަނޑައަޅާފައިވެއެވެ. ޗައިނާއިން މިކަން ކުށްވެރިކޮށް ބުނެފައިވަނީ، މިއީ އެ ގައުމުގެ ގައުމީ ސަލާމަތާއި މަސްލަހަތު ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށާއި، އެމެރިކާގެ "ޝައިޠާނީ އަމަލުތަކަށް" ރައްދުދޭން ޖެހޭނެ ކަމަށެވެ.
ޗައިނާގެ މި އާ ފިޔަވަޅުތަކުގެ ސަބަބުން، ދުނިޔޭގެ ސަޕްލައި ޗޭން އަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އަންދާޒާ ކުރެވެއެވެ.





