ޖޫން 22 އިން 23 އަށް ކުރިއަށްދާ ބްރިކްސްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުންގެ \ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ސެކްރެޓަރީ ގަދީރު ނިޒާމީ ހޯމަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ސަލާމަތީ މައްސަލަތަކާއި މަލްޓިލެޓަރަލް އެއްބާރުލުމާ ގުޅޭގޮތުން ބައިވެރިވާ ގައުމުތަކުގެ އިސް އޮފިޝަލުންނާ އެކު ޚިޔާލު ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގައި ހުންނަ އިރާނުގެ އެމްބަސީން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން: "އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ސެކްރެޓަރީ ގަދީރު ނިޒާމީ، ބްރިކްސްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުންނާއި ސަލާމަތީ އިދާރާތަކުގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހޯމަ ދުވަހު ނިއު ދިއްލީއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެކި ޚާއްސަ ސެޝަންތަކުގައި ބައިވެރިވެވަޑައިގެން، ބައިވެރިވާ ގައުމުތަކުގެ ކަމާބެހޭ އޮފިޝަލުންނާ ބައްދަލުކުރައްވައި ސަލާމަތީ މައްސަލަތަކާއި މަލްޓިލޭޓަރަލް އެއްބާރުލުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި." ކަމަށެވެ.
ބްރިކްސްގެ ހަވާސާގައި އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި އިރާނުގެ ސެކިއުރިޓީ އޮފިޝަލް މަޝްވަރާކުރައްވައިފި އެވެ. ނިއު ދިއްލީ – ބްރިކްސްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުންގެ 16 ވަނަ ބައްދަލުވުމުގެ ހަވާސާގައި، އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ޑޯވަލް، އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ސެކްރެޓަރީ ފޯ ޑިފެންސް އެފެއާޒް، ގަދީރު ނިޒާމީޕޫރާ ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ އިސް އޮފިޝަލުން ވަނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމާއި ސަރަހައްދީ ހާލަތު ވަރަށް ތަފްސީލީ ގޮތެއްގައި މުރާޖައާ ކުރައްވައިފައެވެ.
މީގެ އިތުރުން، ބްރިކްސްގެ ޕްލެޓްފޯމްގެ ދަށުން ދެ ގައުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާމެދު ވެސް ދެ ބޭފުޅުން ވާހަކަފުޅު ދައްކަވައިފައިވެއެވެ. އަދި އިންޑިއާ އާއި އިރާނާ ދެމެދު އޮތް ޒަމާންވީ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ ޖޫން 22-23 ގައި ބާއްވާ ބްރިކްސްގެ މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ޑޯވަލްއެވެ. މި ބައްދަލުވުމުގައި ބްރިކްސްގެ ގައުމުތަކުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުން މުހިންމު ސަލާމަތީ މައްސަލަތަކާ މެދު މަޝްވަރާ ކުރައްވާނެއެވެ.



