އީރާނުގެ ރައީސް މަސްއޫދު ޕަޒެޝްކިއަން އަންގާރަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާއި، އިގްތިސާދީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ.
އީރާނުގެ ނޫސް އޭޖެންސީ އިން ބުނި ގޮތުގައި، ރައީސް ޕަޒެޝްކިއަންގެ މި ދަތުރުފުޅުގައި އިގްތިސާދީ ގުޅުންތަކާއި، ކުރިން ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމުގެ އާލާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. ޕާކިސްތާނުގެ މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި، ރައީސް ޕަޒެޝްކިއަން ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި، ބޮޑުވަޒީރު ޝަހްބާޒް ޝަރީފާ ބައްދަލުކުރައްވާނެއެވެ.
މި މަޝްވަރާތަކުގައި އިސްކަންދޭނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:
- ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް.
- ސަރަހައްދީ ސަލާމަތާއި ބޯޑަރުގެ ހަމަޖެހުން.
- ވިޔަފާރިއާއި ހަކަތައާއި އިގްތިސާދީ އެއްބާރުލުން.
- އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާއި "އިސްލާމްއާބާދު ފަހުމުނާމާ" އާ ގުޅޭގޮތުން ޕާކިސްތާނުން ކުރަމުންދާ މެދުވެރިއެއްގެ ދައުރު.
އީރާނާއި އެމެރިކާއާ ދެމެދު ސުވިޒަލޭންޑްގައި ކުރިއަށްދާ ފުރަތަމަ ބުރުގެ މަޝްވަރާތައް ނިމިފައިވާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އެ ބައްދަލުވުންތައް ކާމިޔާބު ކަމަށް ވިދާޅުވެފައެވެ. 60 ދުވަހުގެ ތެރޭގައި ފަހުގެ އެއްބަސްވުމަކަށް ދިއުމަށް ޚާރިޖީ މަތީ ފެންވަރުގެ ކޮމިޓީއެއް އުފައްދައި، އިތުރު ފަންނީ މަޝްވަރާތައް ފެށުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި ސިފައިންގެ ވެރިޔާ އާސިމް މުނީރުގެ މަސައްކަތްތަކަށް ތައުރީފު ކުރައްވައިފައެވެ. ވެންސް ވިދާޅުވީ، އާސިމް މުނީރަކީ އަސްކަރީ ވެރިއެއްގެ އިތުރުން ހުނަރުވެރި ޑިޕްލޮމެޓެއް ކަމަށާއި، ޕާކިސްތާނުގެ ސިޔާސީ ހިތްވަރު ނެތްނަމަ މި ހިސާބަށް މަޝްވަރާތައް ނުދާނެ ކަމަށެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ ގެ އިންސްޕެކްޓަރުން އީރާނަށް ދިއުމަށް ދައުވަތު ދިނުމަށް އެއްބަސްވެފައިވާކަން ވެސް އެމެރިކާއިން ވަނީ އިއުލާނުކޮށްފައެވެ. ޕާކިސްތާނާއި ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ މި މަޝްވަރާތަކުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ފުރިހަމަ ސުލްހައިގެ އެއްބަސްވުމަކަށް އައުމެވެ.




