ޕާކިސްތާނުގެ ބަލޫޗިސްތާނު ޕްރޮވިންސްގެ ވެރިރަށް ކުއެޓާގެ އެންޓި-ޓެރަރިޒަމް ކޯޓުން، ބަލޫޗިސްތާނުގެ އެންމެ މަޝްހޫރު އެކްޓިވިސްޓް މާހްރަންގް ބަލޫޗްއާއި 'ބަލޫޗް ޔަކްޖެހްތީ ކޮމިޓީ’ގެ ލީޑަރު ސިބްޣަތުﷲ ޝާހް ޢުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
މި ހުކުމް އިއްވާފައިވަނީ 2024 ވަނަ އަހަރު ގްވަދާރުގައި ބޭއްވި އެއްވުމެއްގެ ތެރޭގައި ސަލާމަތީ އޮފިޝަލަކު މަރާލި މައްސަލައާ ގުޅިގެންނެވެ. އެންޓި-ޓެރަރިޒަމް ކޯޓުގެ ފަނޑިޔާރު މުހައްމަދު އަލީ މުބީން މި ހުކުމް އިއްވާފައިވަނީ ހޯމަ ދުވަހުއެވެ.
މި ހުކުމް އިއްވިއިރު، މާހްރަންގް ބަލޫޗްއާއި އެހެނިހެން ހައްޔަރުކޮށްފައިވާ ލީޑަރުންނާއި އެ ފަރާތްތަކުގެ ގާނޫނީ ވަކީލުން ދަނީ ޖޫން 12 އިން ފެށިގެން ކޯޓުގެ ޝަރީއަތުގެ މަޖިލިސްތައް ބޮއިކޮޓް ކުރަމުންނެވެ. އެމީހުން މިގޮތަށް އަމަލުކުރަނީ ގާނޫނީ އިޖުރާއަތްތަކާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކުއެޓާގެ ޑިސްޓްރިކްޓް ޖަލުގައި ކުރަމުންދާ އިހުތިޖާޖެއްގެ ތެރެއިންނެވެ. މާހްރަންގްގެ ވަކީލު އިސްރާރު ޖަތަކް ވިދާޅުވީ، ސަރުކާރުން އައްޔަން ކުރި ވަކީލުން ވެސް މާހްރަންގް ގަބޫލުކޮށްފައިނުވާ ކަމަށެވެ.
މި ހުކުމް 'ބަލޫޗް ޔަކްޖެހްތީ ކޮމިޓީ’އިން ވަނީ ކުށްވެރިކޮށްފައެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި، މިއީ ބަލޫޗީ ގައުމަށް ކުރަމުންދާ ނަފްރަތުގެ ހެއްކެކެވެ. އަދި މި މައްސަލައަށް އެއްވެސް ގާނޫނީ ބިންގަލެއް ނެތް ކަމަށާއި، ހުށަހަޅާފައިވާ ހެކިތަކަކީ އޮޅުވާލާފައިވާ ހެކިތަކެއް ކަމަށް އެ ޖަމިއްޔާއިން ތުހުމަތު ކުރެއެވެ. "ޖަލުތަކަށް މި ހަރަކާތް ހުއްޓުވޭނެ ކަމަށް ހީނުކުރޭ،" ބީވައިސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މާހްރަންގް ބަލޫޗްއަކީ ޕާކިސްތާނުގައި މީހުން ނިޒާމުން ގެއްލުވާލުމާއި، ޝަރީއަތަކާ ނުލައި މީހުން މެރުމާ ދެކޮޅަށް އެންމެ ވަރުގަދައަށް އަޑުއުފުލަމުން އަންނަ އެކްޓިވިސްޓެވެ. އޭނާ ބައިނަލްއަގުވާމީ ސަމާލުކަމަށް އައީ 2023 ވަނަ އަހަރުގެ ފަހުކޮޅު ތުރްބަތުން އިސްލާމްއާބާދަށް ބޭއްވި 1،600 ކިލޯމީޓަރުގެ ދިގު ހިނގާލުމުގެ ސަބަބުންނެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކުން، އެކްޓިވިޒަމްގެ ތެރެއަށް ވަންނަން ޖެހުނު މާހްރަންގް، 2024 ވަނަ އަހަރު ބީބީސީގެ އެންމެ ނުފޫޒުގަދަ 100 އަންހެނުންގެ ލިސްޓުން ވެސް ޖާގަ ހޯދާފައިވެއެވެ.





